ރާއްޖޭގައި ދެ ސަރަޙައްދެއްގައި ނަމޫނާ މޮޑެލްއަށް ދެ ސްކޫލެއް ބަދަލުކުރުމަށް ކުރާ މަސައްކަތުގައި ފުވައްމުލައް ސިޓީގެ ޏ.އަތޮޅު ތަޢުލީމީ މަރުކަޒު ހިމަނައި، އެ މަގުން ބޮޑެތި ބަދަލުތަކަކަށް މަސައްކަތް ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒަށް 40އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ޏ.އަތޮޅު ތަޢުލީމި މަރުކަޒުގައި ކިޔަވައިދޭން ފެށީ 1982ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20ވަނަ ދުވަހުއެވެ.
ޏ.އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރު ފުރުުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.
މި ރަސްމިއްޔާތުގައި ވަނީ ސްކޫލަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދީފައެވެ. އެގޮތުން ސްކޫލަށް 20އަހަރު ޚިދުމަތްކޮށްދެއްވި މުވައްޒަފުންނާއި، 30އަހަރު ޚިދުމަތްކޮށްދެއްވި މުވައްޒަފުންނަށް ހަނދާނީ ފިލާ އަރުވާފައިވެއެވެ. ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިިނިސްޓަރ ޑރ.އާއިޝަތުު އަލީ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.
މި ރަސްމިއްޔާތުގައި ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިކަންދެމުންދާ ފަރާތްތަކުގެ އަގުވަޒަންކޮށްފައިވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ވިދާޅުވީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުރިމަގު ވަރަށް އުޖާލާކަމަށެވެ. އެގޮތުން ވަށާޖެހޭ ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ނަމޫނާ ސްކޫލްތަކުގެ ގޮތުގައި، ރާއްޖޭގެ އުތުރުންނާ ދެކުނުން 2 ސްކޫލެއް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙަމަދު ޞާލިޙު ނިންމެވިއިރު އޭގެތެރެއިން އެއް ސްކޫލަކީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުކަން ފާހަގަކުރެއްވިއެވެ. އަދި މިމަގުން ސްކޫލްގެ ކިޔެވުމުގެ މޮޑެލް ތަރައްޤީކުރުމަށް މުހިންމު ގިނަ މަސައްކަތްތަކެއް ކޮށް، ކުރިއަށް އިތުރު މަސައްކަތްތައް ރޭވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމަށް ޝާމިލް ވެއްޓެއް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފައި. ހުނަރުތައް ދަސްކޮށްދިނުމަށް ވޯކްޝޮޕްތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައި. އަދި 21ވަނަ ޤަރުނަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް ސްޓެމް ލެބް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
ޏ.އަތޮޅު ސްކޫލަކީ ގްރޭޑް 12އާއި ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލްގައި މިވަގުތުވެސް 450އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދެއެވެ.
ޏ.އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރު ފުރުުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތަޢުލީމީ ދާއިރާގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސްކޫލްގެ އިސްވެރިންނާ ބެލެނިވެރިންނާއި ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ.