ސްޓެލްކޯގެ އަމާޒަކީ 2025 ވަނަ އަހަރު އަންނަންވާއިރަށް ގްރޭޓަރ މާލެ ސަރަހައްދުގައި ބޭނުން ކުރަމުންދާ ހަކަތައިގެ 30 އިންސައްތަ ނުވަތަ 40 އިންސައްތަ އަކީ ރިނިއުބަލް އެނާރޖީ ނުވަތަ ފެހި ހަކަތައަށް ބަދަލުކުރުން ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ ކަރަންޓް އުފެއްދުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދަން ޖެހިފައިވާކަމަށާއި، މާ ދުރުނޫން މުސްތަގްބަލެއްގައި މިސިނާއަތުގެ ތެރެއިންވެސް މިފަދަ ކަންކަން ފެނިގެންދާނެ ކަމަށެވެ.
ކުނިން ހަކަތަ އުފެއްދުމުގެ ޕްރޮގްރާމެއް ތިލަފުށީގައި މިހާރު ފަށާފައިވާކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ މިޕްރޮގްރާމްގެ ތެރެއިން އުފައްދާ ކަރަންޓްގެ ތެރެއިން 10 މެގަ ވޯޓްގެ ކަރަންޓް ސްޓެލްކޯއިން ގަންނާނެ ކަމަށެވެ. މީގެ ސަބަބުން ސްޓެލްކޯގެ ގްރީޑަށް 10 މެގަ ވޯޓުގެ ފެހި ހަކަތަ އިތުރުވެގެން ދާނެ ކަމަށާއި ސްޓެލްކޯގެ މިސްރާބު މިހާރު ހުރީ ފެހި ހަކަތައާ ދިމާއައްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ކުނިން ކަރަންޓް އުފެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން އިރާދަކުރެއްވިއްޔާ 10 މެގަ ވޯޓް ކަރަންޓް އަޅުގަނޑުމެން ސަރުކާރުން އެ އުފައްދާ ފަރާއްތަކުން ގަންނާނަން" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ މާލޭގެ އުތުރުން އެންމެ ފުރަތަމަ މިވާ ހަތަރު ރަށާއި އެ ހަތަރު ރަށާ ގުޅިފައިވާ ހަތަރު ރިސޯޓަށް ބޭނުންވާވަރަށް 2024 ގެ ނިޔަލަށް ފެހި ހަކަތަ އުފެއްދުމުގެ ގާބިލްކަން ސްޓެލްކޯގައި ހުންނާނެކަމަށެވެ. އަދި މީގެ އިތުރުން މާލެއިން ދެކުނުން އެންމެ ކާރިން މީހުން ދިރިއުޅޭ 3 ރަށާއި އެ ތިން ރަށް ކައިރީގައިވާ 3 ރިސޯޓަށް ވެސް ބޭނުންވާވަރަށް ފެހި ހަކަތަ ނުވަތަ އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ގާބިލްކަން 2024 ވަނަ އަހަރާ ހަމަޔަށް ހޯދާނެ ކަމަށެވެ.
ޝަރީފްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ މާލޭގެ ކައިރި ފަޅެއްގައި 150 މެގަ ވޯޓުގެ ފެހި ހަކަތަ އުފެއްދުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފައްދާ ހަކަތައަކީ ތިމާވެއްޓާ ރައްޓެހި އެއްޗަކަށް ހަދާ ހަކަތަ އުފެއްދުމަށް ތެލަށް ކުރަމުން އަންނަ ހޭދަ ކުޑަކުރުމެވެ. މިގޮތުން މިހާތަނަށް ރާއްޖޭގައި އުފައްދާ 36.5 މެގަވޮޓްގެ ކަރަންޓު އިޔާދަކުރަނިވި ހަކަތައަށް ސަރުކާރުންވަނީ ބަދަލުކޮށްފައެވެ. މީގެއިތުރުންވެސް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި އަންނަނީ ހިންގަމުންނެވެ.