ތ. ގާދިއްފުށީގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ. މި މަސައްކަތަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ގާދިއްފުށީގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 12 ސެޕްޓެމްބަރު 2019 ގައެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވިގޮތުގައި އެރަށުގައި ނަރުދަމާ ނިޒާމުގެ މަސައްކަތާއި، ފެނުގެ ނިޒާމުގެ މަސައްކަތުގެވެސް ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން ނަރުދަމާގެ 91 އިންސައްތަ މަސައްކަތް އަދި ފެނުގެ 85 އިންސައްތަ މަސައްކަތް ފުރިހަމަވެފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ގާދިއްފުށީގެ ކައުންސިލްގެ ރައީސް ޢަބްދުﷲ ނަޞީފް ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން ގާދިއްފުށްޓަކީވެސް ފެން ތަޣައްޔަރުވެފައިވާ ރަށެއްކަމުން، މިއީ ރަށަށް ނުހަނު ބޭނުންޖެހިފައިވާ މަޝްރޫޢެއްކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމިގެންދާއިރު، ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަން ކައުންސިލުގެ ރައީސް ފާހަގަކުރެއްވިއެވެ.
" ފެނާ ނަރުދަމާގެ މަސައްކަތް ނިމިގެންދާއިރު ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ މީގެ އިތުރުން މި ހިދުމަތަކީ އަސްލު ވަރަށް ބޭނުންވެފައި އޮތް ހިދުމަތެއް " ނަޞީފް ވިދާޅުވިއެވެ.
ތ. ގާދިއްފުށީގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި އިދާރީ މަރުކަޒެއް އިމާރާތްކުރުމާއި، އާރް.އޯ ޕްލާންޓެއް ޤާއިމުކުރުން ހިމެނެއެވެ. އަދި 4070 މީޓަރުގެ ދިގު ނަރުދަމާ ވިއުގާއެއް ޤާއިމުކޮށް، ނަރުދަމާ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި، 2 ޕަމްޕް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މުޅި މި މަޝްރޫޢުއަށް 20.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.