2023 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ބާއްވާ ޚާއްސަ މިއުޒިކް ޝޯވގައި ބައިވެރިވުމަށް ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ޕަވްނީ ޕާންޑޭ ރާއްޖެ އަތުވެއްޖެވެ. އޭނާ ރާއްޖެ އިސްފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
ޕަވްނީ ރާއްޖެ އައިސްފައި މިވަނީ 2023 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެގޮތުން "މޯލްޑިވްސް ވާއު ފެސްޓް"ގެ ނަމުގައި ބާއްވާ ޚާއްސަ މިއުޒިކް ޝޯވގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ދެއްވި ދަޢުވަތަކަށެވެ. މިއީ އޭނާ ރާއްޖެއައި ފުރަތަމަ ފަހަރެވެ.
ރާއްޖެއައުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޕީ.އެސް.އެމް ނިއުސްއަށް ދިން އިންޓަރވިއުއެއްގައި ޕަވްނީ ބުނީ، އޭނާ ހުރީ ރާއްޖެއައުމަށް ކެތްމަދުވެފައިކަމަށެވެ. އަދި މިފަދަ ފުރުޞަތެއް ލިބުނީތީ އުފާކުރާކަމަށް ޕަވްނީ ބުންޏެވެ. އައު އަހަރު ފާހަގަކުރުމަށް ރާއްޖެފަދަ ރީތި މަންޒިލަކަށް އާދެވުމުން ލިބޭ ހިތްހަމަޖެހުން އެތައް ގުނައެއް އިތުރުކަން ޕަވްނީ ފާހަގަކުރިއެވެ. އަދި މި ދަތުރުގެ ތެރެއިން ދިވެހިންގެ ދިރިއުޅުމާއި، ސަޤާފަތާއި އާދަތައް ބަލާލާ ތަޖުރިބާކޮށްލަން ބޭނުންވާކަމަށް ޕަވްނީ ބުންޏެވެ.
" އަހަރެން ހުރީ މިރީތި ގައުމަށް އައުމަށް ކެންމަދުވެފަ. މިއީ ފަތުރުވެރި ކަމަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްކަމުން މިއަހަރުގެ ނިއު ޔިއަރ ރާއްޖޭގައި ފާހަގަ ކުރެވޭތީ ވަރަށް އުފާވޭ" ޕަވްނީ ބުންޏެވެ.
ޕަވްނީ ބުނީ އޭނާގެ އައު އަހަރު ފާހަގަކުރުމަށް ބާއްވާ މި ޝޯވގައި ދިވެހިން ގަޔާވާފަދަ ހިތްގައިމު ހުށަހެޅުންތަކެއް ހުށަހަޅައިދެވޭނެކަމަށް އުއްމީދުކުރާކަމަށެވެ.
ޕަވްނީ އާއްމުންގެ މެދުގައި ބޮޑަށް މަޝްހޫރުވެގެންދިޔައީ 2017 ވަނަ އަހަރު ނެރުނު ޝާހްރުކް ޚާންގެ ފިލްމް "ރައީސް" އަށް އޭނާ ކިޔައިދިން "ލައިލާ މެ ލައިލާ" އިންނެވެ. މިއީ 1980 ވަނަ އަހަރު ނެރުނު ފިލްމް "ޤުރުބާނީ" ގައި ހަމަ އެނަމުގައި ހިމެނޭ ލަވައިގެ ރީމޭކެކެވެ. މި ދެ ލަވައަކީ ދިވެހިންގެ މެދުގައިވެސް މަޤުބޫލު ދެ ލަވައެވެ. އޭނާ އެންމެފަހުން ލަވައެއް ކިޔާފައިވަނީ މިދިޔަ އޯގަސްޓްމަހު ނެރުނު ފިލްމް "ލައިގާ" އަށެވެ.
އައު އަހަރަށް މަރުޚަބާ ކިޔުމަށް "މޯލްޑިވްސް ވާއު ފެސްޓް"ގެ ނަމުގައި ބާއްވާ މި މިއުޒިކް ޝޯވ އޮންނާނީ މިމަހުގެ 31 ވާ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. ޝޯވ ފެށުމަށް ހަމަޖެހިފައިވަނީ އެރޭގެ 20:30 ގައެވެ.
މި ޝޯވގައި ޕަވްނީގެ އިތުރުން ހަބޭސް ބޮޑުބެރު ގްރޫޕް، ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ ހިތްގައިމު ހުށަހެޅުންތަކެއް ފެނިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ހަވާގެ ހަރަކާތްތައްވެސް ޝޯވގެ ތެރެއިން ކުރިއަށްދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.