އަނިޔާވެރިނޫން ވެރިކަމެއް ލިބޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ގެނެވިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ތަސްމީން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ބަލާއިރު ފެންނަނީ އަނިޔާވެރިކަމާއި އިންސާފެއް ނެތި ގައުމުގައި ހިންގަމުން ދިޔަ ކަންކަން ކަމަށެވެ.
އޭގެ ތެރޭގައި ސިޔާސީ ވެރިން ޖަލަށްލުމާއި، ދައުލަތުން ބޮޑެތި ކޮރަޕްޝަން ހިންގާފައިވާކަން ފާހަގަކުރައްވާ ތަސްމީން ވިދާޅުވީ އެ ހުރިހާ ކަމެއްގެ އަސަރު އެންމެ ބޮޑަށް ކުރީ އާންމުންނަށާއި، ސިޔާސީ ޕާޓީތަކުގެވެސް އާންމު މެމްބަރުންނަށް ކަމަށެވެ. ސިޔާސީ ހަރަކާތްތަކުުގެ ތެރެއިން އެތައް ބަޔަކަށް އަނިޔާވެ އެތައް ހުރަސްތަކެއް ކުރިމަތިވިކަން ފާހަގަކުރައްވާ ތަސްމީން ވަނީ ކޯލިޝަނެއް އެކުވެގެން މި ސަރުކާރު ގެނައީ ވެސް އެ އަނިޔާވެރިކަމާ ދެކޮޅަށްކަން ހަނދާންކޮށްދެއްވާފައެވެ.
ތަސްމީން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބަށް މަސައްކަތްކުރަމުން އަންނައިރު ހަނދާނުގައި ބަހައްޓަން ޖެހޭ އެންމެ މުހިންމު ކަމަކީ އޭރުގެ އަނިޔާވެރިކަން ކަމަށެވެ. އަދި އެކަމުން ސަލާމަތްވުމަށް ރައްޔިތުން ކުރި މަސައްކަތާއި ކުރިއަށް އޮތް ތަނުގައި އެ އަނިޔާވެރިކަން އިޔާދަ ވިޔަ ނުދިނުން ކަމަށެވެ.
"އަޅުގަނޑުމެން ހަނދާނުގައި ހުންނާނެ އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު، ހައްޔަރުކޮށް ޖަލުތަކުގައި ބަންދުކޮށް އެތައް އަނިޔާތަކަކާ ކުރިމަތިލާން ޖެހުނުކަން. އެއީ ހަދާނުން ފިލައިގެން ދާނެ ކަމެއް ނޫން. އަދި ދައުލަތުން ހުރިހާ އެންމެންނަށް ފޯރުކޮށްދޭން ޖެހޭ އެކިއެކި ހިދުމަތްތަކާ ހައްގުތަކުން އަޅުގަނޑުމެންގެ މެންބަރުން މަހްރޫމްކޮށް މެންބަރުންނާއި އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުކަން އެއީ އަޅުގަނޑުމެން އެންމެނަށްވެސް އެނގޭކަމެއް،" ތަސްމީނު ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ނުކުމެ އެކަން އިޔާދަ ވިޔަނުދީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ގެންނަން ބޭނުންނަމަ ދެން ވެސް ގެންނަން ވީ އެމްޑީޕީ ސަރުކާރެއް ކަމަށާއި، އެކަން ކުރެވޭނީ ރައީސް ޞާލިހަށް ޕްރައިމަރީގެ ޓިކެޓު ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީ އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނައިރު، މި އިންތިޚާބުގައި ރައީސް ޞާލިހާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ދެ ބޭފުޅުން ވެސް މިހާރު ރަސްމީކޮށް ކެމްޕޭން ހަރަކާތްތައް ފައްޓަވާފައިވާއިރު، ރައީސް ޞާލިހުވަނީ ދެ ޖަގަހަ ޖަލްސާ މިހާރު ބާއްވާފައެވެ. އަދި ކެމްޕޭން ދަތުރުތައްވެސް ޓީމްތަކުން މިހާރު ވަނީ ފަށާފައެވެ.