ޚަބަރު

އެއްމަސް ދުވަހު އެކުގައި އުޅުމަށްފަހު އެމިލީ އާއި ޕީޓް ރުޅިވެއްޖެ


މަޝްހޫރު ސެލިބްރިޓީ ކިމް ކާޑޭޝިއަން އާއި 9 މަސް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު އެމެރިކާގެ މަޝްހޫރު ކޮމީޑިއަން ޕީޓް ޑޭވިޑްސަން ރުޅިވީ މިއަހަރުގެ އޮގަސްޓުމަހުއެވެ.

އޭގެފަހުން ޕީޓްއޭ ކިޔައިގެން މި މަހުގެ ކުރީކޮޅު އިވުނު އަޑަކީ ޕީޓް އާ ލޯބިވެރިޔަކުން ހޯދި ވާހަކައެވެ. މޮޑެލް އަދި ބަތަލާ އެމިލީ ރަތަޖްކޯސްކީ އާއި ޕީޓް ރައްޓެހިވީ ކަމަށް އަޑު ފެތުރުނީ މި މަހުގެ ކުރީކޮޅުއެވެ. އޭގެފަހުން މިހާރު އަނެއްކާވެސް އިވޭ އަޑަކީ މި ދެމީހުން ރުޅިވި ވާހަކައެވެ.

ގާތްގަނޑަކަށް އެއް މަސް ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ދެމީހުން ރުޅިވި ސަބަބެއް ހާމައެއް ނުކުރެއެވެ. އަދި މި ދެމީހުން މިހާރު ތިބީ ދެ ރައްޓެހިންގެ ގޮތުގައި ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ކިމްގެ އާއިލީ ޝޯވ "ދަ ކާޑޭޝިއަން" ގައިވެސް ވަނީ ދައްކާފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޕީޓް އާއި ކިމް ރުޅިވި ނަމަވެސް ދެމީހުންގެ ރަހުމަތްތެރި ކަމަށް އެއްވެސް ބަދަލެއް ނާދެއެވެ.

ދާދިފަހުން 29 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވާ ޕީޓް ވަނީ އެނާގެ އުފަން ދުވަހު އެމީލީ އާއެކު އެމެރިކާގެ ނިއު ޔޯކް ސިޓީ އިންވެސް ފެނިފައެވެ. ޕީޓް އާއި އެމިލީ އެކަކު އަނެކަކަށް އެނގުނީ ދެމީހުން ގެ މިއުޗުއަލް ރައްޓެއްސެއްގެ ފަރާތުންނެވެ. އަދި އެމިލީ ކައިރިން ރައްޓެހިވާން އެހީ ޕީޓް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެމިލީގެ މި ގުޅުމުގެ ވާހަކަ ފެންމަތިވެފައި މިވަނީ 4 އަހަރު އެކުގައި އުޅުމަށްފަހު ކުރީގެ ފިރިމީހާ ސެބެސްޓިއަންގެ ކައިރިން ވަރިވެފައި ވަނިކޮށެވެ. މި ދެމީހުންގެ 2 އަހަރުގެ ފިރިހެން ކުއްޖަކުވެސް ހުރެއެވެ. އެމިލީ އެންމެ ފަހުން ރައްޓެހިވެގެން އުޅުނު ކަމަށް އަޑު އަރާފައި ވަނީ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓް އާއެވެ.