ޚަބަރު

އުތުރުގެ ސަރަޙައްދީ ވޭސްޓް މެނޭޖްމަންޓް ސްޓޭޝަން މާރިޗު މަހު އޮޕަރޭޝަނަށް


އެކަށީގެންވާ ގޮތުގައި މެނޭޖް ނުކުރެވުމުގެ ސަބަބުން ކުނީގެ މައްސަލަ ރާއްޖޭގައި ވަނީ ބޮޑުވެ ބޮއްސުންލައިގެން ގޮސްފައެވެ. މި މައްސަލަ ޙައްލުކުރުމަށް ރަށު ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައިވެސް ކުނި މެނޭޖްކުރާނެ އިންތިޒާމުތައް ސަރުކާރުން އަންނަނީ ހަމަޖައްސަމުންނެވެ. މިގޮތުން ތަރައްޤީކުރާ އެއް ރަށަކީ ހދ. ކުނބުރުދޫއެވެ.

ކުނީގެ މައްސަލައަށް ޙައްލެއް ގެނައުމަށް އުތުރުގައި ސަރަޙައްދީ ފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒެއްގެ ގޮތުގައި ހދ. ކުނބުރުދޫ އަންނަނީ ތަރައްޤީކުރަމުންނެވެ. މިމަޝްރޫޢުގެ ދަށުން ކުނބުރުދޫގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ޤާއިމުކުރުމަށް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގައެވެ.

މި މަޝްރޫޢުގެ ދަށުން އެރަށަށް ވަދެނިކުތުމަށް ބޭނުންކުރާ ނެރު ފުންކުރުމާއި، ކުނި މެނޭޖްކުރާ ސަރަހައްދުގެ މަގު ސާފުކުރުމުގެ މަސައްކަތާއި، ޑީޕް ސްޓްރިޕް ފައުންޑޭޝަން ހެދުމުގެ މަސައްކަތާއި، ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް މަސައްކަތުގެ ކޮންކްޓްރެކްޓަރ އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ.

މީގެ އިތުރުންވެސް މި މަޝްރޫޢުގެ ދަށުން ކުނބުރުދޫގައި ސްޓޯރޭޖް ޝެޑެއް ހެދުމާއި، އެކްސެސް ރޭމްޕެއް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމަތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތްތައް އަންނަ މާރިޗު މަހުގެ ނިޔަލަށް ނިންމާ، އެ ރަށް އޮޕަރޭޝަނަށް ގެނެވޭނެކަމަށެވެ.

މިއީ ކުނީގެ މައްސަލައަށް އަވަސް ޙައްލެއް ގެނެސްދިނުމަށް، ވަގުތީގޮތުން ބޭނުން ކުރުމަށް ޤާއިމުކުރާ ސްޓޭޝަނެއްކަމަށް އެންވަޔަރަމަންޓުން ވިދާޅުވެއެވެ. ދާއިމީގޮތެއްގައި ކުނބުރުދޫގައި ތަރައްޤީކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމަށް ބޭނުންވާ ފަންޑު އޮފިޑު ފަންޑު މެދުވެރިކޮށް ހަމަޖައްސާ، މިހާރު ޑިޒައިނިންގގެ މަސައްކަތް ކުރިއަށްދާކަމަށް އެމިނިސްޓްރީއިން ވިދާޅުވެއެވެ.

ސަރަޙައްދީ ފެންވަރުގައި ހދ. ކުނބުރުދޫގައި ތަރައްޤީކުރާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނާއެކު އުތުރުގެ ރަށްރަށަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހއ. އަތޮޅާއި، ހދ. އަތޮޅުގެ އިތުރުން ށ. އަތޮޅުގެ ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން ރަށުން ބޭރުކުރަންޖެހޭ ކުނި މެނޭޖްކުރުމަށް ހަމަޖެހިފައި ވަނީ ކުނބުރުދޫ ޓްރާންސްފަރ ސްޓޭޝަން މެދުވެރިކޮށެވެ. މިއީ ދައުލަތުގެ ބަޖެޓުން 1.45 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ތަނެކެވެ.

ރާއްޖެ އެކި ޒޯންތަކަކަށް ބަހާލައިގެން ސަރަޙައްދީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް ޤާއިމުކުރުމަކީ ކުނި މެނޭޖްކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިއްމު ބައެކެވެ. ރަށްރަށުގައި ހުރި އެތައް ޒަމާނެއްވީ ކުނި ފުނިތައް ރަށުން ބޭރުކޮށް ރަށު ފެންވަރުގައި ކުނި މެނޭޖްކުރެވޭނެ މަގު ފަހިކޮށްދިނުމަށް ވަޞީލަތް ފޯރުކޮށް ދިނުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.