މިވީ ދުވަސްތަކުގައި މާލޭގެ ގޭބިސީތަކުން ކުނި ނުނަގާ ހުރިނަމަ އެކަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއަށް އަންގައިދިނުމަށް އެކޯރޕަރޭޝަނުން އެދިއްޖެއެވެ. ވެމްކޯއިން މިހެން އެދިފައި މިވަނީ މާލޭގެ ގޭބިސީތަކުން ނެރެފައިވާ ކުނި ނުނަގާކަމުގެ ޝަކުވާ އާއްމުންގެ މެދުގައި އިތުރުވެފައިވާ ދުވަސްވަރެއްގައެވެ.
މާލޭގެ މަގުތަކާއި އާންމު ތަންތަން ސާފުކުރުމަށް މާލެ ސިޓީ ކައުންސިލާއި ވެމްކޯ އާ ދެމެދުވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއި ގުޅިގެން އެ ދެ އިދާރާގެ ދެމެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އަދި ފާއިތުވި ދެތިން ދުވަހު މާލޭގެ އާއްމުތަންތަނާއި މަގުތަކުގައި ގިނަ ޢަދަދެއްގެ ކުނި ޖަމާކޮށް، އެތަކެތި އުކާނުލާ ހުރުމުގެ ސަބަބުން، މަގުތަކުގެ ސާފުތާހިރުކަން ގެއްލި، އެކަމުގެ ކަންބޮޑުވުމާއި ޝަކުވާ އާއްމުން ދަނީ ކުރަމުންނެވެ.
މާލެ ތެރޭގައި ކުނި ނުނަގާ ހުރުމުގެ ސަބަބުން ޢާއްމު ބަލިމަޑުކަމެއް ފެތުރިގެން ހިނގަދާނެ ކަމުގެ ބިރު ބޮޑުވުމާއެކު މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާގެ އެދިވަޑައިގަތުމުގެ މަތިން މާލެ ތެރޭގައި ހުރި ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން ވަނީ ފަށާފައެވެ.
މިގޮތުން ވެމްކޯއިން ކުނި ނުނަގާ ހުރިނަމަ އެ ގޭބިސީއަކުން ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅައި އެކަން އެނގުމަށް ވެމްކޯއިން ވަނީ އެދިފައެވެ. މިގޮތަށް ހުރި ގޭބިސީތަކުން އެ މަޢުލޫމާތު ވެމްކޯއާއި ހިއްސާކުރުމުން ވީއެންމެ އަވަހަކަށް ކުނި ނެގޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
Dear customers,
— Waste Management Corporation Limited (WAMCO) (@WAMCOmv) December 31, 2022
Please report any missed collections to our hotline - dial 1666 or use our missed collections portal (https://t.co/NdxApLzC3Y)
Our teams will attend to it at the earliest!
Thank you for being patient with us! pic.twitter.com/3WRARocfS8
މާލެތެރެ ސާފުކޮށް ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއެކު މާލެ ސިޓީ ކައުންސިލުން ވެފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވަނީ ޑިސެމްބަރު 26 އަށެވެ. މިއީ 5 އަހަރު ދުވަހަށް ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު ސިޓީ ކައުންސިލުން ވަނީ ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އައު ނުކުރަން ނިންމާފައެވެ. އަދި މާލެ ސިޓީ ކައުންސިލުން ވަނީ މަގުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ.
އެހެންނަމަވެސް ގޭގެއިން ނެރޭ ކުނި މަގުމަތީގައި ހުރުމުގެ ސަބަބުން ސިޓީ ކައުންސިލުން ވަނީ ވެމްކޯއަށް އެކުނިތައް ނެގުމަށް އަންގާފައެވެ. ވެމްކޯއިން ވިދާޅުވެފައި ވަނީ އެހެން ހުރި ކުނިތަކަކީ މިހާރު ވެމްކޯއިން ނަގަންޖެހޭނެ ކުނި ނޫންކަމަށާއި މާލެ ތެރެ ސާފުކޮށް ބޭއްވުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަލުން ވެމްކޯއަށް ހަވާލުކުރުމުން އެ މަސައްކަތް ކުރާނެކަމަށެވެ.
މިވަގުތު ކައުންސިލުން މަސައްކަތް ކުރަމުންދަނީ ކުނީގެ މަސައްކަތަށް ބޭނުންވާ އުޅަނދުތައް ކުއްޔަށް ނަގައިގެންނެވެ. އެ ކައުންސިލުގެ އަމިއްލަ އުޅަނދުފަހަރުގައި އެ މަސައްކަތް ކުރަން އަދި ފަސް ވަރަކަށް މަސް ދުވަސް ވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.