އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ އަޅަކަށް ނުވާނެ ކަމަށާއި، އެމަނިކުފާނަކީ އެންމެންގެ ވެސް ބަސް އަޑު އަހާނޭ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވާއިރު، ރައީސް ޞާލިހު މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އެމަނިކުފާނު ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން ދެބޭފުޅުންގެ މެދުގައި ވާދަވެރިކަން އިންތިހާއަށް ފެންނަމުންދާއިރު، ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މި ވާދަވެރިކަން ފެންނަމުންދަނީ ރައީސް ނަޝީދު ބޭނުންފުޅުވާ ކަންކަން ރައީސް ޞާލިހު ނުކުރައްވާތީއެވެ. އޭގެ ތެރޭގައި ނިޒާމީ ވޯޓުގެ ބަހުސްވެސް ހިމެނޭއިރު، ރައީސް ޞާލިހުވެސް ވަނީ އެ ދެބޭފުޅުންގެ މެދުގައި މައްސަލަ އަކީ އެމަނިކުފާނު ވެރިކަމުގައި ހުންނެވުން ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ.
ރައީސް ޞާލިހުގެ ޕްރައިމަރީ ކެމްޕޭން ފައްޓަވާ މިރޭ ބޭއްވި ފޯރިގަދަ ޖަލްސާގައި އެމަނިކުފާނު ވަނީ އެ ވާހަކަތަކަށް ރައްދުދެއްވާފައެވެ. އެގޮތުން އެމަނިކުފާނަކީ ވަކި ބަޔަކު ދައްކާ ވާހަކަ އަޑު އައްސަވާ ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކަންކަން ނިންމަވާނެ ބޭފުޅެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ކަންކަން ނިންމަވަނީ އެކުގައި ތިބި ޕާޓީގެ މެމްބަރުންނާއި، މަޖިލިސް މެމްބަރުންނާއި، ވަޒީރުންގެ މަޖިލީހުގެ ބަސް ވެސް އަޑު އައްސަވައިގެން ކަމަށެވެ. އަދި ކޮންމެ ކަމެއްވެސް ނިންމަވާނީ ރައްޔިތުންނަށް އެންމެ މަންފާބޮޑު ގޮތަށްކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑެއް އެއްވެސް މީހެއްގެ އަޅަކަށް ނުވާނަން. މަޝްވަރާ ދެއްވަންވީ ވާހަކަތައް ހިއްސާކުރަންވީ. އަޅުގަނޑު ކަންކަން ނިންމާނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ނިކުމެވަޑައިގެން ހުންނެވީ އިންތިޚާބުތަކުގެ ތަޖުރިބާއާ އެކު ކަމަށެވެ. އެގޮތުން މިހާތަނަށް ޖުމްލަ 6 އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުންނަށް ނަމޫނާ ވެރިކަމެއް ދައްކަމުން އަންނަކަން ފާހަގަކުރައްވާ ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރާނެ ގޮތާއި، ރައްޔިތުންގެ ވޯޓު ހޯދާނެ ފޯމިއުލާ އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، އެކަމަށް ފުރަތަމަ ބޭނުންވަނީ ޕްރައިމަރީ ކާމިޔާބުކުރުން ކަމަށް ވިދާޅުވިއެވެ.
2008 ވަނަ އަހަރު ރައީސް ނަޝީދު ކާމިޔާބުކުރެއްވި އިންތިޚާބާއި 2013 ވަނަ އަހަރުގެ އިންތިޚާބަށް އަލިއަޅުއްވާލައްވާ ވިދާޅުވީ ޕްރައިމަރީ އިންތިޚާބުގައި ވެސް އަދި ރިޔާސީ އިންތިޚާބުގައި ވެސް އެ ދެ ތަޖުރިބާއަށް ހުރިހާ ރައްޔިތުން ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ޕާޓީން ކެންޑިޑޭޓަކު ހޮވާއިރު ހޮވަންވާނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ ގާބިލްކަން ހުރި ކެންޑިޑޭޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"ދެ މަސް ނުވޭ ކޯލިޝަން ރޫޅިގެން ދިޔައީ. ވީ ވައުދު އޮތީ އޮތްތަނުގައި. އެއަށް ފަހުގައި ހުރަހަކަށް ފަހު ހުރަހެއް ދައްޗަކަށް ފަހު ދައްޗެއް ކުރިމަތިވަމުން އައިސް ދައުރު ފުރިހަމަނުކޮށް ޖެހުނީ މަގުމައްޗަށް ނިކުންނަން. މީ މިއަދަކު އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން. އަޅުގަނޑުމެން އިންތިޚާބުކުރާ ވެރިއަކު ރައްޔިތުން ހަވާލުކުރާ ކަންކަން ކުރުމަށް އެ މުއްދަތުގައި ހުންނަން ޖެހޭނެ. އަޅުގަނޑު މިދަނީ އެކަން ތިބޭފުޅުނަށް ކޮށްދެމުން." ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ތާރީޚަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވިދާޅުވީ ހުރިހާ ވެރިކަމެއް ވެސް އައިސްފައި އޮތީ ކޯލިޝަނަކުން ކަމަށާއި، ކޯލިޝަން ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. މިހާތަނަށް އައި އިރު އެކަން ކުރެވުނީ އެމަނިކުފާނަށްކަން ފާހަގަކުރައްވާ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ތަމްސީލްކޮށް ވެރިކަމަށް އަންނައިރު އެހެން ކުދި ޕާޓީތަކުގެ މެމްބަރުންގެ ހައްގުތައްވެސް ކަށަވަރުކޮށްދޭން ޖެހޭ ކަމަށާއި، އެމަނިކުފާނު އަންނަނީ އެކަން ވެސް ކޮށްދެއްވަމުން ކަމަށެވެ.
ރައީސް ޞާލިހަކީ ރިއެކްޓް ނުކުރައްވާ ބޭފުޅެއް ކަމަށް އިދިކޮޅުން އަބަދުވެސް ބުނަމުން އައި އިރު، ޕްރައިމަރީގެ ވާދަވެރިކަމުގެ ތެރެއިން ދާދި ފަހުން ރައީސް ނަޝީދުވެސް ވަނީ އެމަނިކުފާނަށް އެ ފާޑުކިޔުން އަމާޒުކުރައްވާފައެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ އެމަނިކުފާނު މި އިންތިޚާބުގެ ކަންކަމުގައި ރިއެކްޓް ނުކުރައްވަނީ އިންތިޚާބުގައި ވާދަކުރައްވަނީ ޕާޓީގެ ތެރެއިން ކަމަށްވާއިރު، އެއީ އިދިކޮޅު ވުން ނޫން ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. އެކަމަކު ކެމްޕޭން ޖަލްސާތަކާއި، ރައްޔިތުންގެ ބައްދަލުވުންތަކުގައި ތެދު ވާހަކަދެއްކެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.