ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސިޔާސީ ހަރަކާތާއި، އިދިކޮޅު ޕީޕީއެމްގެ ހަރަކާތް އަމާންކަމާއެކު މިރޭ އެއް ސަރަހައްދެއްގައި ބާއްވައިފިއެވެ.
ހެންވޭރު އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައި މިރޭ ބާއްވާފައި ވަނީ އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރައްވާ ދެކެންޑިޑޭޓުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕޭން ޖަލްސާއެވެ. އެ ޖަލްސާއާ ހަމަ އެއްގަޑިއެއްގައި އިދިކޮޅުން ހަރުގެ ކުރިމަތިން އާޓިފިޝަލް ބީޗުގައި އެ ޕާޓީގެ ސިޔާސީ ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ޕާޓީން ކުރިއަށް ގެންދިޔައީ އެ ޕާޓީގެ ލީޑަރ އަބްދުﷲ ޔާމީން ހުކުމެއް ކޮށް ޖަލަށްލުމާ ގުޅިގެން އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލާ ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ސިޔާސީ ބޮޑު ދެ ހަރަކާތް މިރޭ އެއް ތަނެއްގައި ކުރިއަށް ގެންގޮސްފައިވާއިރު، ދެ ހަރަކާތް ވެސް ނިމިގެންދިޔައީ އެއްވެސް ހަމަނުޖެހުމެއް ނެތި ވަރަށް އަމާންކަމާ އެކުުގައެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހުރިހާ ސިޔާސީ ފަރާތްތަކަށް ވެސް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އެންމެ ބޮޑު އެއް ވައުދަށްވާއިރު، އެ ވައުދު އެމަނިކުފާނަށް ފުއްދިފައިވާކަން މިރޭގެ ހަރަކާތުން އެމަނިކުފާނު ދެއްކެވިއެވެ. އެގޮތުން ދެ ހަރަކާތް އެއްތަނެއްގައި ބޭއްވިއިރު، އެމްޑީޕީގެ ހަރަކާތަށް އެކަށީީގެންވާ ޖާގަ ލިބުމަށް ވެސް ދަތިވިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެކަމަކުވެސް އިދިކޮޅަށް ފުރިހަމައަށް އަޑު އުފުލުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށެވެ.
މީގެ އިތުރަށް އެމަނިކުފާނު ވަނީ އެއްވެސް ސިޔާސީ ބަޔަކު ޖަލަށް ލައިގެން ސިޔާސީ ކުރިމަގު ބައްދާލަން މަސައްކަތްނުކުރައްވާކަން ވެސް ފާހަގަކުރައްވާފައެވެ.
މިރޭގެ ސިޔާސީ ހަރަކާތްތައް އަމާންކަމާއި އެކު ފެނިގެން ދިޔައިރު، ރައީސް ޔާމީންގެ ވެރިކަމުގައި އޭރު އިދިކޮޅުގައި ތިބި މީހުންނަށް ސިޔާސީ ހަރަކާތްތައް ބޭއްވުމުގެ ފުރުސަތު ވަނީ އެއްކޮށް ގެއްލުވާލާފައެވެ. އަދި ސިޔާސީ ވެރިން ޖަލަށް ލައި، އެއްވެއުޅުމުގެ މިނިވަންކަން ވެސް ގާނޫނެއްގެ ތެރެއިން ވަނީ ނިގުޅައިގެންފައެވެ. އެ ހުރިހާ މިނިވަންކަމެއް އަލުން ދީ، ރައްޔިތުންގެ ހައްގު ކަށަވަރުކޮށްދެއްވީ ރައީސް ޞާލިހެވެ.