ޚަބަރު

ނުރައްކާތެރި ހާދިސާތައް ހިނގާފާނެ ތަންތަން މާލެތެރޭ އަދިވެސް އެބަހުރި: ފައިސަލް


އަލިފާނުގެ ޙާދިސާތައް ހިނގާފާނެ ފަދަ ނުރައްކާތެރި ބައެއް ތަންތަން އަދިވެސް މާލެތެރޭގައި އެބަހުރިކަމަށާއި އެތަންތަން ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނީލަން ފިހާރައިގައި އަލިފާނުގެ ޙާދިސާ ހިނގި ސަރަޙައްދަށް ވަޑައިގެން ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ މިފަދަ ނުރައްކާތެރި ތަންތަން މީހުން އުޅޭ ސަރަޙައްދާއި ދުރަށް ބަދަލުކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ޕްލޭންތައް ހެދި ޢަމަލުކުރަމުންދާކަމަށެވެ.

ފައިސަލް ނަސީމް ވިދާޅުވީ، މިހާރުވެސް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި، މާލެތެރޭގައި ހުރި ލަކުޑި ގުދަންތަކާއި ކެމިކަލް ގުދަންފަދަ ތަންތަނުގެ އިތުރުން ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ފަދަ ތަންތަން ފާހަގަކުރަމުންގެންދާ ކަމަށެވެ. އަދި އެތަންތަން ސަރުކާރުގެ ޕްލޭންގެ ދަށުން މީހުން ދިރިއުޅޭ ސަރަހައްދާއި ދުރަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

" ލަކުޑި ގުދަންތަކާއި މިބާވަތުގެ މީހުން ދިރިއުޅޭ ސަރަހައްދެއްގެ އެންމެ މެދުގަ ހުންނަން އެންމެ ރަނގަޅުނޫން ކަހަލަ ކަންތައްތަކެއް އެބަހުރި. ވަރަށް ގިނަ އަދަދަކަށް އެބަހުރި. އެމަސައްކަތްތަކަކީ އެއީ ބަދަލު ކުރެވެންޖެހޭނެ ކަންތައްތައް." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މީގެ ކުރިންވެސް މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގާފަހުރި ކަމަށެވެ. މިބާވަތުގެ ކަންތައްތައް ނުހިނގާނެ ގޮތްތަކަކަށް ކަންތައްތައް ރޭވިގެން ކުރިއަށްގެންދިއުން މުހިންމުކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ތަރައްގީގެ މެނިފެސްޓޯގެ ތެރެއިން، ޕްލޭނާއި އެއްގޮތައް ލަކުޑި ގުދަންތަކާއި ކެމިކަލް ގުދަންތައް މީހުން ދިރިނޫޅޭ ހިސާބުތަކަށް ބަދަލުކުރާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ތެރޭގައި އަލިފާން ފަސޭހައިން ހިފާ ޒާތުގެ އެއްޗެހި ހުންނަ ތަންތަން ހުުރުމުގެ ސަބަބުން ނުރައްކާތެރި އެތައް ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން މިދިޔަ ނޮވެންބަރު މަހު މ.ނިރުފެހިގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ބިދޭސީންގެ 10 މީހަކު ވަނީ މަރުވެފައެވެ. އެ އަލިފާނުގެ ހާދިސާއަކީ މިހާތަނަށް އަލިފާނުގެ ހާދިސާއެއްގައި މިހާ ގިނަ މީހުން މަރުވި ހާދިސާއެވެ. އަދި ނިމުނު ޑިސެމްބަރުމަހު ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ގުޅީފަޅުގައި ތިބޭ އެކޮމަޑޭޝަން ބްލޮކްވެސްވަނީ އަނދާ ހުލިވެފައެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ވަނީ ގދ. ފިޔޯރީ ސްކޫލްގައި ހިނގި އަލިފާނުގެ ހާދިސާގައި އެސްކޫލުގެ ބައު ހޯލް އިމާރާތްވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.