ރަޝިޔާއިން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ތާއީދުކުރާ ކުރުން ހުއްޓާލާ ސޫރިޔާގެ ހަނގުރާމަ ހުއްޓުވުމާބެހޭ ވާހަކަތަކުގައި ބައިވެރިވުމަށް ފަރަންސޭސި ރައީސް ފޮންސުއާ އޮލާންދު ގޮވާލައްވައިފިއެވެ. އޮލާންދް ވިދާޅުވީ ރަޝިޔާގެ މިހާރުގެ ޕޮލިސީގެ ސަބަބުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެކަން މައްސަލައިގައި ޝާމިލްވާ ހުރިހާ ފަރާތްތަކަކަށް ވެސް އެނގޭ ކަމަށާ، ރަޝިޔާއަށްވެސް އެންމެ ފައިދާ ވާނެ ގޮތަކަށްވާނީ ހަނގުރާމަ ނިމުމަކަށް ގެނައުންކަމަށެވެ. ފްރާންސްގެ އިންޓަރ ރޭޑިއޯ އަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން އޮލާންދް ވިދާޅުވީ އައިއެސް ޖަމާއަތުގެ ހަގުރާމަވެރިންނާ ދެކޮޅަށް ދިއުމުގެ ބަދަލުގައި ރަޝިޔާއިން ހަމަލާ ދެމުން ގެންދަނީ އާންމު ރައްޔިތުންނަށް ކަމަށާ މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ. ސޫރިޔާގެ ހަގުރާމަ ހުއްޓާލުމުގެ ތާރީޚެއްގެ ގޮތުގައި ހުކުރު ދުވަސް ކަނޑައަޅައި ބޮޑެތި ބާރު ތަކުން ވަނީ ފެބްރުއަރީ މަހުގެ އެގާރަވަނަ ދުވަހު އެއްބަސްވުމަކަށްވެސް ގޮސްފައެވެ. ނަމަވެސް ސޫރިޔާ ސަރުކާރުންވެސް އަދި އިދިކޮޅު ހަގުރާމަވެރި ޖަމާއަތްތަކުންވެސް މި އެއްބަސް ވުމުގައި ބައިވެރި ވެފައެއް ނުވެއެވެ.