ޚަބަރު

ޔަމަނަށް އެހީ ފޯރުކޮށްދޭން ދަތި- އދ


ޔަމަނުގައި ކުރިޔަށްދާ ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތިވާކަމަށް އދ އިން ޔަމަނަށް ކަޑައަޅުއްވާފައި ހުންނަވާ މަންދޫބު ވިދާޅުވެއްޖެއެވެ. އދ.އިން ޔަމަނަށް ކަޑައަޅުއްވާފައި ހުންނަވާ ހާޢްސަ މަންދޫބު އަހުމަދު އޫލްދް ޝޭހް ވިދާޅުވާގޮތުގައި ޔަމަނުގައި ކުރިޔަށްދާ ހަމަނުޖެހުން އަދިވެސް ދަނީ އިތުރަށް ވަރުގަދަވަމުންނެވެ. އަދި ޔަމަނުގެ ބައެއް ސަރަހައްދުތަކުގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް، ހަމަނުޖެހުންތައް ކުރިޔަށްދާތީ ވަނީ މަޑުޖެހިފައެވެ. އދ އިން ބުނީ އެއްގަމާ ވައިގެ މަގުން ޔަމަނުގެ ބައެއް ސަރަހައްދުތަކުގައި ބަދަލްކުރަމުންދާ ހަމަލާތަކުގެ ސަބަބުން މިސަރަހައްދުތަކަށް އެއްގޮތަކަށްވެސް އެހީ ފޯރުކޮށްނުދެވޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ހާލުގައި ޖެހިފައިވާކަމަށް އދ އިން މައުލޫމަތުދެއެވެ. ނަމަވެސް މިދިޔަ ހަފްތާތަކުގެ ތެރޭގައި ކުރިން އެހީ ފޯރުކޮށްދޭން ދަތިވެފައި އޮތް ތިން ސަރަހައްދަކަށް ވަރަށް ބުރަ މަސައްކަތުން އެހީ ރައްދުކުރެވުނު ކަމަށް އދއިން ބުނެފައިވެއެވެ.ޔަމަނަށް އދ އިން ކަޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ވިދާޅުވީ ޔަމަނުގައި ކުރިޔަށްދާ ހަމަނުޖެހުމަށް ސުލްހަވެރި ހައްލެއް ހޯދުމަށް އދ މެދުވެރިވެ ކުރަމުންދާ މަސައްކަތް އަދިވެސް ކުރިޔަށް ދާކަމަށެވެ. މިގޮތުން ޖެނުއަރީ މަހުގެ ތެރޭގައި ޔަމަނުގައި ސުލްހަ ޤާއިމް ކުރުމާއި ބެހޭ މަޝްވަރާތަކެއް ސުވިޓްޒަރލޭންޑްގައި ކުރިޔަށް ގެންދިއަކަމަށް އަހުމަދު އުލްދް ޝޭހް ވިދާޅުވިއެވެ. އަދި ޔަމަނުގައި ސުލްހަ ޤާއިމް ކުރުމާއި ބެހޭ އިތުރު މަޝްވަރާތައް ކުރިޔަށް އޮތް ދެހަފްތާއެއްގެ ތެރޭގައި އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލްވުމުގައިވެސް ކުރިޔަށްގެންދިއުމަށް ރޭވިފައިވާކަމަށް އދގެ މަންދޫބު މައުލޫމަތުދެއްވާފައިވެއެވެ.