ޚަބަރު

ތިމާވެއްޓާ ރައްޓެހި ބަސްތަކާއެކު ވިލިމާލޭގައި ބަސް ދަތުރުތައް ފަށައިފި


ތިމާވެއްޓާ ރައްޓެހި ބަސްތަކާއެކު ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީ އިން މިއަދު ފަށާފިއެވެ.

ވިލިމާލޭގައި ބަހުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމްއެވެ. މީގެ އިތުރުން ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ހުޝާމްގެ އިތުރުން އެމް.ޓީ.ސީ.ސީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބަހުގެ ޚިދުމަތް ވިލިމާލޭގައި ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުން އުޅޭތާ އެތައް އަހަރެއް ވެގެން ދިޔައިރުވެސް ވިލިމާލޭގައި އެކަށީގެންވާ އާއްމު ދަތުރުފަތުރުގެ ނިޒާމެއް ނެތުމަކީ ވިލިމާލޭގެ ރައްޔިތުނަށް ވަރަށް ދަތިވެފައިވާކަމެއްކަމަށެވެ. އަދި ވިލިމާލޭގައި ދިރިއުޅޭ ދުވަސްވީ މީހުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން ސުކޫލް ކުދިން ވާރޭ ވެހޭއިރު އަދި އަވިގަދަ ގަޑިތަކުގައި އެއްތަނުން އަނެއްތަނަށް ދިޔުމުގައި ދަތިވާ ކަމުގެ ޝަކުވާ ލިބޭ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ވިލިމާލޭގައި ފެށިގެން މިދިޔަ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދާއެކު ފެށިގެންދިޔަ މުހިއްމު ޚިދުމަތެއް ކަމަށެވެ.

"ވިލިމާލޭގައި ދިރިއުޅޭ ދުވަސްވީ މީހުންނާއި ޚާއްސަ އެހީއައް ބޭނުންވާ މީހުންނާއި ސުކޫލް ކުދިން ވާރޭވެހޭއިރު އާއި އަވިދޭ ގަޑި ގަޑީގައި ވަރަށް ދަތިވާކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް ތަކުރާރުކޮށް އަންނަމުންދޭ. ރައީސުލްޖުމްހޫރިއްޔާއަށް އެ ބޭފުޅުން ރިކުއެސްޓް ކުރައްވާ އަދި މިކަމަކީ މުހިންމު ކަމެއްކަމަށް ދެކިގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެގުމުގެ މަތިން މިއަދު މި ޚިދުމަތް ފެށިގެން މިދަނީ" އާޒިމް ވިދާޅުވިއެވެ.

މި ޚިދުމަތުގެ ރޫޓާއި ޝެޑިއުލް އެކުލަވާލާފައިވަނީ ޢާއްމު ރައްޔިތުންގެ ދަތުރުފަތުރުގެ ބޭނުންތަކަށް ވިސްނައި، މި ޚިދުމަތް ބޭނުންކުރުމުގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަވާނެ ގޮތްތަކަށް ވިސްނުމަށްފަހު ކަމަށް އެމްޓީސީސީއިން ވަނީ ވިދާޅުވެފައެވެ.

ބަސްރޫޓާއި ޝެޑިއުލް އެކުލަވާލިއިރު، ސްކޫލްތަކާއި، ބީޗު ސަރަޙައްދާއި، އޮފީސްތަކާއި، ސިނާޢީ ސަރަޙައްދާއި، ހޮސްޕިޓަލާއި، ފެރީ ޓާރމިނަލްއަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކަށް ބަލާފައިވާކަމަށާއި، ވިލިމާލޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅުނުކަމުގައި ވީނަމަވެސް، ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ވިލިމާލޭގެ 1.52 ކިލޯމީޓަރު ދިގު އިންޓަރނަލް ރޫޓްގެ 10 ސަރަހައްދަކަށް ބަސް ހުއްޓުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މި ޚިދުމަތުގައި ބޭނުންކުރުމަށް ނިންމާފައިވަނީ އެކުންފުނިން އެންމެފަހުން ގެނައި އިލެކްޓްރޯނިކް 6 ބަހެވެ. މިއީ ތިމާވެއްޓާ ރައްޓެހި އާއްމުންނަށްވެސް ބޭނުންކުރަން ފަސޭހަ ބަސްތަކެކެވެ.

ވިލިމާލޭގައި ޒަމާނުއްސުރެއް އޮތް އެންމެ އުނދަގޫކަމެއްގެގޮތުގައި އެރަށުން ވާހަކަދެއްކި ރައްޔިތަކު ފާހަގަކުރީ ދަތުރުފަތުރުގެ ކަންކަމެވެ. އެހެންކަމުން ވިލިމާލޭގައި ފެށިގެން މިދިޔަ ބަހުގެ ޚިދުމަތުގެ ސަބަބުން، އެއްތަނުން އަނެއްތަނަށް ދިއުމުގައި އެވީ ދަތިކަމަށް ލުޔެއް ލިބިގެން ދާނެކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

"އަޅުގަނޑުމެންނަށް ޒަމާނުންސުރެއް ދަތިކަމެއްގެ ގޮތުގައި އޮތް އެންމެ ބޮޑުކަމަކީ ދަތުރުފަތުރުގެ މައްސަލަ. މިހާރު ދުރުގާތް ކުރުމަށްޓަކައި އަޅުގަނޑުމެން ހިފާގެންގުޅޭ ތަކެތި އުފުލުމުގައި އެވި ދަތިކަން މިއަދު އަޅުގަނޑުމެންނަށް ލުޔެއް ލިބިގެން ހިނގައްޖެ" ވިލިމާލެއިން ވާހަކަދެއްކި މީހާ ބުންޏެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލް ވިލިމާލޭ ބަހުގެ ޙިދުމަތް ހަފްތާއަކު 7 ދުވަހު ހެނދުނު 05:35 އިން ރޭގަނޑު 00:00 އަށް ފޯރުކޮށްދޭނެއެވެ. އަދި ބަހުގެ ޚިދުމަތް ކޮންމެ ބަސް ހުއްޓިއަކަށް 5 މިނިޓާއި 10 މިނިޓާއި ދޭތެރޭ ވަގުތުކޮޅެއްގައި ލިބިގެންދާނެކަމަށްވެސް އެމްޓީސީސީއިން ވަނީ ފާހަގަކޮށްފައެވެ. މި ޚިދުމަތް ފުރަތަމަ 2 ހަފްތާގައި ދޭން ނިންމާފައިވަނީ މުޅިން ހިލޭއެވެ.

ވިލިމާލޭގައި އާރް.ޓީ.އެލް ބަހުގެ ޚިދުމަތް ހިލޭ ފޯރުކޮށްދެވޭ މުއްދަތު ނިމުމުން، މާސްޓަރކާޑް/ވިސާކާޑް ބޭނުންކޮށްގެންނާއި، ކިއު.އާރް ޓިކެޓިން ބޭނުންކޮށްގެން ނުވަތަ ފައިސާ ދައްކައިގެން ޓިކެޓް ގަނެގެންވެސް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.

ވިލިމާލޭގައި ބަސް ދަތުރަކަށް ނަގާނެ ވަކި އަގެއް އެމް.ޓީ.ސީ.ސީއިން އަދި ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް ދެ ހަފްތާ ގެ ޓްރިއަލް ނިމެންވާއިރަށް، އަގުތައް ފައިނަލްކުރުމަށްފަހު އާއްމުކުރާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.