ޚަބަރު

އީޝާ ޑިއޯލް އަނެއްކާވެސް ސްކްރީނަށް


ދުވަސްގަނޑަކަށްފަހު ބޮލީވުޑް ތަރި އީޝާ ޑިއޯލް އަނެއްކާވެސް ސްކްރީނަށް އަންނަން ތައްޔާރުވެއްޖެއެވެ.

އީޝާގެ މި ފަހަރުގެ ފިލްމަކީ ޔޫވީ ފިލްމްސް އިން ގެނެސްދޭ "މެއިން" އެވެ. 2017 ވަނަ އަހަރު ދެއްކި ފިލްމު "ބާދްޝާއޯ" ގެ ޑައިރެކްޓަރު ސަޗިން ޝަރަފް ޑައިރެކްޓު ކުރާ މި ފިލްމުގައި އީޝާއާއި އެކު ދެން ފެންނާނީ ފިލްމު "ކައި ޕޫޗޭ"އިން ބޮލީވުޑަށް ތަޢާރަފްވި އެކްޓަރު އަމިތް ސާދްއެވެ.

"މެއިން" އަށް ސޮއިކުރިކަން އީޝާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހާމަކޮށްފައެވެ. ނަމަވެސް މި ފިލްމާއި ބެހޭ މާ ބޮޑު ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ.

2002 ވަނަ އަހަރު ދެއްކި "ކޮއި މެރޭ ދިލްސޭ ޕޫޗޭ" އިން ބޮލީވުޑަށް ތައާރަފްވި އީޝާގެ ފިލްމުތަކަކީ ބޮކްސް އޮފީހުގައި މާ ބޮޑު މަގުބޫލު ކަމެއް ލިބުނު ފިލްމުތަކެއް ނޫނެވެ.

ކުރީގެ ފިލްމީ ތަރިން ކަމަށްވާ ދަރްމެންދްރާ އާއި ހެމާ މާލިނީ ގެ ދޮށީ އަންހެން ދަރިފުޅު އީޝާ ވަނީ 2012 ވަނަ އަހަރު އިންޑިއާގެ ވިޔަފާރި ވެރިއެއް ކަމަށްވާ ބާރަތް ތަހުތާނީ އާއި ކައިވެނިކޮށްފައެވެ. ކައިވެންޏަށް ފަހު އީޝާ ފިލްމީ މަސައްކަތްތަކާއި ވަރަށް ބޮޑަށް ދުރުވިއެވެ. މި ކައިވެންޏަށް މިހާރު ވަނީ ދެ އަންހެން ކުދިންވެސް ލިބިފައެވެ.

ފިލްމު ކުޅުމުގެ އިތުރުން އީޝާ ވަނީ ރިއަލިޓީ ޝޯވ "ރޯޑީސް އެކްސް2" ގެ ގޭންގް ލީޑަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ. އީޝާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ދެއްކި ވެބް ސީރީޒް "ރުދްރާ ދަ އެޖް އޮފް ޑާކްނެސް" އިންނެވެ.