ޚަބަރު

ޕްރައިމަރީއަށް އެހެން ޕާޓީތަކުން ހުރަސްއަޅަން މަސައްކަތްކުރި: އެމްޑީޕީ


އެމްޑީޕީއާ އެއްވެސް ގުޅުމެއް ނެތް އެހެން ޕާޓީތަކުގެ މީހުން ރިޔާސީ ޕްރައިމަރީގެ ވޯޓުލުމަށް ހުރަސްއަޅަން މަސައްކަތްކުރިކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ޕްރައިމަރީއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރިޔާސީ ޕްރައިމަރީގެ އިންތިހާބު އިންތިޒާމުކުރި ކޮމިޓީގެ މުޤައްރިރަކަށްވެސް އިންނަވާ އިބްރާހިމް ވަހީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަށް ދޫކޮށްފައިވާ ބައެއް ފާސްތައް ހިފައިގެން އެހެން ޕާޓީތަކުގެ މެމްބަރުން ހަރަކާތްތެރިވިކަން ފާހަގަވެފައިވާކަމަށެވެ. އެގޮތުން އެމްޑީޕީއަށް ނިސްބަތްނުވާ މީހުން މާލޭއާއި އަތޮޅުތެރޭގެ އެކި އެކި ވޯޓު ފޮށިތަށް ހުރި މަރުކަޒުތަކަށް ގޮސް ކެނޑިޑޭޓުންގެ މަންދޫބުން ލައްވާ ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވާކަމަށް އޭނާ ތުހުމަތުކުރިއެވެ. އަދި އެކަންކަން ސާބިތުކޮށްދޭނެ ހެކިވެސް ލިބިފައި އެބަހުރިކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ ބައެއް ރަށްރަށުގެ ވޯޓްލުންވެސް ލަސްވީ މިފަދަ ސަބަބުތަކެއް ދިމާވެގެންކަމަށެވެ.

"ށ. ފީވަކުގައި ވޯޓުލުން ލަސްވެގެން ދިޔަ ވަގުތުކޮޅަކަށް، އެ ވޯޓު ފޮށި ލަސްވެގެން ދިއައީ ކެނޑިޑޭޓެއްގެ މަންދޫބެއްކަމަށް ބުނެ ކެނޑިޑޭޓުންނަށް އަޅުގަނޑުމެން ދޫކޮށްފައިވާ ފާސް ހިފައިގެން ކެނޑިޑޭޓުގެ މަންދޫބުކަމަށް ބުނެ ޕީޕީއެމް ދެ މީހަކު ވޯޓުލުން ކުރިއަތް ގެންދިޔުމަށް ފުރުސަތު ނުދޭނެކަމަށް ބުނެ ވޯޓު ފޮށި ބަންދުކޮއްގެން ތިބި" އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ އިބްރޭ އިތުރަށް ވިދާޅުވީ ޕްރައިމަރީއަށް ހުރަސް އަޅަން މަސައްކަތްކުރި މީހުންގެ ތެރޭގައި އެހެން ޕާޓީތަކުގެ މެމްބަރުންގެ އިތުރުން އެމްޑީޕީގެ މެމްބަރުންވެސް ހަރަކާތްތެރިވިކަމަށެވެ. އަދި އެކަންކަން ބަލައި ފިޔަވަޅު އަޅާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެހެން ޕާޓީތަކުގެ މެމްބަރުން ހިންގި އަމަލުތަކާއި މެދު އެމްޑީޕީން އެޅޭނެ ފިޔަވަޅެއް ނޯންނާނެކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީއާ ނުބެހޭ މީހުން އިންތިހާބުގެ ތެރެއައްވަދެ އިންތިހާބު ގަޑުބަޑު ކުރުމަށް މަސައްކަތް ކުރި އޭގެ ތެރޭގައި އަޅުގަނޑުމެންގެ ފާޓީގެ މީހުން ބޭނުން ކޮއްގެންވެސް ކަންތައްތައް ކުރަން އުޅެފަ އެބަހުރި، އަދި އެ ކަންކަމުގައި އަޅުގަނޑުމެންގެ ބައެއް މެންބަރުންވެސް ބައިވެރިވެފައި އެބަހުރި" އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ހިނގި ހަމަނުޖެހުންތައް ބަލާނެކަމަށް އެމްޑީޕީން ބުނެފައިވާއިރު، އެދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ވަނީ ބަޔަކު ހައްޔަރުވެސްކުރިއެވެ. ނަމަވެސް އެ މީހުން ފަހުން ވަނީ ދޫކޮށްލާފައެވެ.