ޚަބަރު

"ޖަލްސާ" ގެ ޑައިރެކްޓަރުގެ އިތުރު ދެ ފިލްމު


އެމެޒޯން ޕްރައިމް ވީޑިއޯއިން މިދިޔަ މާރިޗު މަހު ރިލީޒްކުރި ސުރޭޝް ތްރިވެނީގެ ފިލްމު "ޖަލްސާ" އަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުޚީބެއް ލިބިފައެވެ. ވިދްޔާ ބާލަން، ޝެފާލީ ޝާ އަދި ކުރީގެ އެކްޓަރު ރޯހިނީ ހަޓަންގަޅީ ފެނުނު މި ފިލްމު ޕްރިމިއާ ކޮށްފައި ވަނީ އެމެޒޯން ޕްރައިމުންނެވެ.

މި ފިލްމަށްފަހު ސުރޭޝް ވަނީ ވިކްރަމް މަލްހޯތުރާ އިސްކޮށް ހުރެ އުފައްދާފައިވާ އަބަންޑަންޓިއާ އެންޓަޓެއިންމަންޓާ ގުޅިގެން އޭނާގެ އަމިއްލަ ކްރިއޭޓިވް ސްޓޫޑިއޯ އަދި ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ އޮޕަނިން އިމޭޖް އިޢުލާންކޮށްފައެވެ.

ޓްރިވެނީ މިހާރު ވަނީ އޭނާގެ ބެނާގެ ދަށުން ދެ ފިލްމެއް އުފައްދަން ތައްޔާރުވެފައެވެ. އެގޮތުން އެއް ފިލްމަކީ އެކްޝަން ޑްރާމާއެއް ކަމަށާއި އަނެއް ފިލްމަކީ ތްރިލާ ފިލެމެއް ކަމަށް އޭނާގެ ޕްލޭނާ ބެހޭ ގޮތުން އިތުރަށް ޙިއްސާ ކުރަމުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވެއެވެ.

މި ދެ ފިލްމާއި ބެހޭގޮތުން މާ ބޮޑު ތަފްޞީލެއް އަދި ދީފައި ނުވާއިރު، ދެ ފިލްމުގައި ވެސް އޭ ލިސްޓުގެ ފާހަގަކޮށްލެވޭ އެކްޓަރުން ފެނިގެންދާނެ ކަމަށް ޓީމުން ނެރުނު ބަޔާނުގައިވެއެވެ. ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި މި ފިލްމުތަކުގެ މަސައްކަތް ފަށާނެއެވެ.

ތްރިވެނީ ފުރަތަމަ ޑައިރެކްޓުކުރި ފިލްމަކީ 2017 ވަނަ އަހަރ ދެއްކި "ތުމާރީ ސުލޫ" އެވެ. މި ފިލްމަކީވެސް ވިދްޔާ ބާލަން ލީޑް ރޯލުން ފެނުނު ފިލްމެކެވެ.