ޚަބަރު

ކުނި ނެގުމުގެ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ އޮފީހެއް


މާލެ ސަރަހައްދުން ކުނި ނެގުމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ވޭސްޓް މެނޭޖްމަންޓް އޮފީހެއް ހުޅުވައިފިއެވެ. މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒުއެވެ. މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުންނާނީ މާލެ ސިޓީގެ ޢާއްމު ޚިދުމަތް ތަކާއިބެހޭބައިގައެވެ.

ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވައިދެއްވުމަށްފަހު މޭޔަރު މުޢިއްޒު ވިދާޅުވީ މިހުޅުވުނު އޮފީހަކީ މާލެ ސިޓީ ކައުންސިލުން މާލެތެރެ ކުނިކަހާ އަދި ކުނިނަގާ ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމާއި ހަވާލުވެ އެމަސައްކަތާއިގުޅޭ އިދާރީ ކަންކަން ކުރިއަށްގެންގޮސް، ކުނި ނެގުމުގެ ކަންކަން ހަރުދަނާކުރުމަށް ހުޅުވި އޮފީހެއްކަމަށެވެ.

މާލެ ސާފުކޮށް ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއެކު މާލެ ސިޓީ ކައުންސިލުން ވެފައި އޮތް އެއްބަސްވުން ފަސް އަހަރަށްފަހު މިދިޔަ ޑިސެމްބަރު މަހުގެ 26 ދުވަހު ވަނީ ހަމަވެފައެވެ. އަދި އެއަށްފަހު މާލެ ސިޓީ ކައުންސިލުން ވަނީ މަގުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ.

މިއާއެކު މާލޭގެ އާންމު ތަންތަނާއި މަގުތައް އަދި މައިޒާންތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ކައުންސިލުގެ މުވައްޒަފުންނާއި ވަޞީލަތްތައް ބޭނުންކޮށްގެން އަމިއްލައަށެވެ.

މާލޭގެ އާންމު ތަންތަނު ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުންދާއިރު، މިދިޔަ މަހުގެ ތެރޭގައި މާލޭ ތެރެއިން ކުނި ނެގުމަށްފަހު ޤަވާއިދާ ޚިލާފަށް ސިޓީ ކައުންސިލުގެ ބިމެއްގައި ޖަމާކޮށްފައި ބެހެއްޓި މައްސަލައެއް ފެންމަތިވެފައިވެއެވެ. އެކަން އީޕީއޭގެ ސަމާލުކަމަށާ އައިސް އެ އެޖެންސީން ވަނީ ކުނިތައް ނެގުމަށް ސިޓީ ކައުންސިލަށް އަންގާފައެވެ.

ކުނި މެނޭޖްކުރުމުގެ ޤަވާއިދާއި އުޞޫލުތަކުގައިވާގޮތުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރެވޭނީ އެކަމަށް ޚާއްސަކޮށްގެން ހުއްދަ ދީފައިވާ ތަންތަނުގައެވެ. އެހެންކަމުން ސިޓީ ކައުންސިލުގެ ބިމެއްގައި ޤަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައި ބެހެއްޓި މައްސަލަ ބަލާ، އޮންނަ އުޞޫލުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަނެކަމަށްވެސް އީ.ޕީ.އޭއިން ވިދާޅުވެފައިއެވެ.