ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރާއި ޑައިރެކްޓަރު އަނީސް ބަޒްމީ ގުޅިގެން ބޮޑު ކޮމެޑީ އެންޓަޓެއިންމަންޓް ފިލްމަކަށް މަސައްކަތް ކުރާ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
މި ފިލްމާއި ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އަނީސްގެ މި ފިލްމުގައި ޝާހިދު ކުޅޭނީ ޑަބަލް ރޯލެވެ. މިއީ ޝާހިދު ޑަބަލް ރޯލު ކުޅޭ ދެ ވަނަ ފިލްމެވެ. 2019 ވަނަ އަހަރު ދެއްކި "ކަމީނޭ" ގައިވެސް ޝާހިދު ވަނީ ޑަބަލް ރޯލުން ފެނިފައެވެ.
މިދިޔަ އަހަރު ބޮޑު ކަމިޔާބެއް ހޯދި ފިލްމު "ބޫލް ބުލައްޔާ 2" ގެނެސްދިން ޑައިރެކްޓަރުގެ އަނީސްގެ މި ފިލްމުގެ ސްކްރިޕްޓް އަންނަ މަހުގެ ތެރޭގައި ނިންމާލައި، ފިލްމުގެ ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ޖޫން ނުވަތަ ޖުލައި ހިސާބުގައި ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ނަން އަދި އިޢުލާނު ނުކުރާ މި ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން އޭނާ ސޮއިކޮށްފައި އޮތް އެހެން ދެ ފިލްމެއްގެ މަސައްކަތް ނިންމާނެއެވެ. އެއީ ކްރިތީ ސެނަންއާއި އެކީ ކުޅޭ ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ ރޮބޮޓިކް ލަވް ސްޓޯރީއަކާއި 2013 ވަނަ އަހަރު ދެއްކި މަލަޔާލަމް ފިލްމު "މުމްބާއީ ޕޮލިސް" ގެ ރިމޭކެވެ.
މި ފިލްމުގެ އަންހެން ލީޑް ތަރި މި މަސް ނިމުމުގެ ކުރިން ނަގާނެ ކަމަށާއި މިހާރުވެސް އަންނަނީ އޭ ލިސްޓުގެ ދެ ބަތަލާއިންނާއި ވާހަކަ ދައްކަމުން ކަމަށް ނޫސްތަކުން ބުނެއެވެ. މިއީ އަނީސްއާއި އެކީ ޝާހިދު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ޝާހިދު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ދެއްކި "ޖާޒީ" އެވެ. ފުރަތަމަ ފަހަރަށް ވެބް ސީރީޒަކުން ފެންނަން ތައްޔަރުވާއިރު، މި ސީރީޒް މާދަމާ އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ވަނީ ހަމަޖެހިފައެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަދި ރިލީޒްކުރާނެ ތާރީޚެއް އިއުލާން ނުކުރާ ފީޗަރ ފިލްމު "ބްލަޑީ ޑެޑީ" އެވެ.