ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ
ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާނު ކުރައްވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް
ގެންދިޔުމަށް އދ.އިން އެހީތެރިވާނެކަމަށާއި، ވީ އެންމެ އަވަހަކަށް މަޝްވަރާތައް
ފެއްޓެވުމަށް އެދިވަޑައިގަންނަވާކަމަށް އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް
މިރޮސްލޮވް ޔެނެޗް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ
އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި
ވާހަކަފުޅު ދައްކަވަމުން ޔެނެޗްވަނީ، ރާއްޖޭގެ ސިޔާސީ މަޞްރަހުގައި ކުރިމަތިވެފައިވާ
މައްސަލަތައް ޙައްލު ކުރެއްވުމަށް ރައީސް ޔާމީނުގެ އިސްނެންގެވުމުގެ މަތިން ސިޔާސީ
ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެއްޓެވުމަށް ނިންމެވުމުން އެކަމަށް މަރުޙަބާ
ވިދާޅުވެފައެވެ.
ރާއްޖޭގެ މިހާރުގެ ސިޔާސީ
މަޞްރަހާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި
މަޝްވަރާތަކަކީ ސިޔާސީ ޕާޓީތަކުގެ މެދުގައި ސަރުކާރަށް އޮތް އިތުބާރާއި ޔަޤީންކަން
ވަރުގަދަކުރުމަށް ވަރަށް މުހިއްމު މަޝްވަރާތަކެއްގެ ގޮތުގައި
ދެކެވަޑައިގަންނަވާކަމަށެވެ. އަދި، މިއީ ޤައުމުގެ ކުރިމަގާއި،
އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، އަދި ޑިމޮކްރެސީ
ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އިސްކަން
ދެއްވުމަށް މަގުފަހިވެގެންދާނެ މަޝްވަރާތަކެއްކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ޔެނެޗް ރާއްޖެއަށް ކުރައްވާ މި
ދަތުރުފުޅުގައި އެމަނިކުފާނާއިއެކު އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ
އޭޝިއާ އަދި ޕެސިފިކް ޑިވިޜަން ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން
ހުންނެވި ޝިން އުމެޒު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ޔެނެޗްއަކީ އދ.ގެ ސިޔާސީ ދާއިރާގެ
ކަންތައްތަކާއި ބެހޭ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލްއެވެ. އެމަނިކުފާނު މި
މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުއެވެ.