ޚަބަރު

ޒަކާތް ދެއްކުން ހަރުދަނާކުރަން ބިލެއް އޭޖީއަށް ވާނީ ފޮނުވާފައި: މިނިސްޓަރ


މުދަލު ޒަކާތް ދެއްކުން ހަރުދަނާކުރުމަށް ޒަކާތާ ގުޅޭ ބިލެއް ސަރުކާރުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައިވާކަމަށް އިސްލާމިކް މިނިސްޓަރ އަޙުމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ، މިނިސްޓްރީގެ ބައެއް މަސައްކަތްކާއި ގުޅޭގޮތުން ޖަވާބުދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްތީފު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މެންބަރު ޔާސިރު ސުވާލުކުރެއްވީ މުދަލު ޒަކާތް ރާއްޖޭގައި ދައްކަންޖެހޭ މީހުންގެ ޢަދަދަދާއި، ޒަކާތް ދައްކާ މީހުންގެ ޢަދަދާއި، އަދި ޒަކާތް ދެއްކުން ހަރުދަނާކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުންނެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ޒަކާތް ދެއްކޭގޮތަށް ހަމަޖެހިފައިވަނީ އިޚްތިޔާރީ ކަމެއްގެ ގޮތުގައިކަމަށެވެ. މުދަލު ޒަކާތް ދައްކަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެ ފުރުޞަތު ހުޅުވިފައި އޮންނަކަމަށާއި، ނަމަވެސް ކަނޑައެޅިގެން ވަކި ބައެއްގެ އަތުން ނުވަތަ، މަޖުބޫރުން މުދަލު ޒަކާތް ނެގުމުގެ އުސޫލެއް ނެތްކަމަށެވެ.

"މުދަލުޒަކާތް ނެގުން ހަރުދަނާ ކުރުމަށް މަޖިލީހަށް ބިލެއް ހުށައެޅުމަށް އޭޖީއަށް ވަނީ ފޮނުވިފައި. ވަރަށް އަވަހަށް މަޖިލީހަށް ހުށައެޅި، މަސައްކަތް ފެށޭނެކަމަށް ޤަބޫލުކުރަނީ." މިނިސްޓަރ ވިދާޅުވިއެވެ.

ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ %2.5 މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

ނިދިޔަ މަހު އިޢުލާނުކޮށްފައިވާގޮތުން މުދަލު ޒަކާތުގެ ނިޞާބަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރަކީ 7062.65 ރުފިޔާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 90މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

ޒަކާތު ފަންޑުން، ނިކަމެތިންނަށް އެހީތެރިވުމަށާއި، މުޖުތަމަޢުގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށާއި، ކިޔަވައިދިނުމަށާއި، ބޭސްފަރުވާއަށްވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޒަކާތު ފަންޑަކީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން ޔަތީމުންނާއި މިސްކީނުންނާއި ފަޤީރުންނަށް ބެހުމަށްފަހު ބާކީވާ ފައިސާ ޖަމާކުރާ ފަންޑެވެ. އަދި އެފަންޑުގައި ހުންނަ ފައިސާ ޚަރަދު ކުރަނީ ވަކި އުޞޫލެއްގެ ދަށުން ޒަކާތު ކޮމިޓީގެ ލަފަޔާ މަޝްވަރާގެ މަތިންނެވެ.