ޚަބަރު

ކުރެންދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ޖުލައިމަހަށް ނިންމާލެވޭނެ: އެމްޓީސީސީ


ކުރެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިއަހަރުގެ ޖުލައި މަހަށް ނިމޭނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ކުރެންދޫ ރަށްގިރުމުގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން މަސައްކަތް ފެއްޓެވީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ކުރެންދޫއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ. މިދަތުރުފުޅުގައި އެރަށު ރައްޔިތުން ފާޅުކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ މޫސުންގޯސްވެ އުދަ އަރާ ދުވަސްތަކުގައި ރަށަށް ރާޅު އަރާ ގެއްލުންތަކެއް ކުރިމަތިވުމެވެ. އެކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރައްވައިގެން ފެއްޓެވީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

ޅ.ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވަނީ ކުރެންދޫގައި އެމްޓީސީސީން ހިންގާ މި ޕްރޮޖެކްޓަކީ ކުރެންދޫއައް ވަރަށް މުހިންމު ޕްރޮޖެކްޓެއްކަމަށެއެވެ.

މިޕްރޮޖެކްޓްގެ މުހިންމުކަން ބޮޑުކަމުން މަސައްކަތުގެ ސްޕީޑު ވަރަށް ހަލުވިކޮށް ކުރިއަށް ގެންދާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ކުރެންދޫއަކީ ވެލި ލިބެން ނެތް ރަށެއް ކަމުން މަސައްކަތަށް ބޭނުންވާ ވެލިގެނެސްފައިވަނީ ބޭރުންކަމަށެވެ.

"ދެން ހަމަ މިރަށަށް ބޭނުންވާ ހިލަޔާއެއްޗިސް ގެނެވި މުޅި މަސައްކަތް ގާތްގަނޑަކަށް މިހާރު މިވަނީ ނިމުމަކާ ހަމައަށް ގޮސްފަ މިއޮތީ. މިރަށުގެ އެއް ކިލޯމީޓަރުގެ ސަރަހައްދެއް މިހާރު ހިމާޔަތް ކޮށް ނިމިފައި މިވަނީ" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މިމަސައްކަތް ކުރަމުންދާއިރު ކައުންސިލާއި ކުރެންދޫގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެންދާކަން އާޒިމްވަނީ ފާހަގަކުރައްވާފައެވެ. ހާއްސަކޮން ދާއިރާގެ މެމްބަރުގެ އެއްބާރުލުން އާޒިމް ފާހަގަކުރެއްވިއެވެ.

ކުރެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި ބެހޭގޮތުން އެދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ވިދާޅުވެފައިވަނީ ކުރެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މިމަޝްރޫއަކީ ކުރެންދޫގެ ރައްޔިތުން ކުރި ވަރަށް ބޮޑު އުންމީދެއްގެ ނިމުން ކަމަށެވެ. އަދި ސަރުކާރުން ކުޑަ ރަށެށް ބޮޑު ރަށެށް ނުބަލާ މަސައްކަތް ކުރައްވަމުން ގެންދެވުމުން ދޭހަކޮށްދެނީ ރައްޔިތުންގެ އިހުސާސްތަކާމެދު ސަރުކާރުން ވިސްނާ ވަޑައިގަންނަވާ މިންވަރު ކަމަށް ޣަނީ ވިދާޅުވިއެވެ.

" ސަރުކާރުން ކުޑަ ރަށެށް ބޮޑު ރަށެއް ނުބައްލަވާ މި މަސައްކަތް ކުރައްވަމުން ގެންދާކަމީ ރައްޔިތުންގެ އިހުސާސްތައް ސަރުކާރުން ވިސްނާ ވަޑައިގަންނަވާކަން ރަމްޒު ކޮށްދޭ ކަމެއް" ޣަނީ ވިދާޅުވިއެވެ.

ޣަނީ އިތުރަށް ވިދާޅުވީ ކުރެންދޫ އޮތީ ކާށިދޫ ކަނޑުގެ އަނގަމަތީ ކަމަށާއި ދެ ފަރާތުގައި ދެ ކަނޑުއޮޅި އޮންނަކަމަށެއެވެ. ކުރެންދޫގެ ގޮނޑޮދޮށް ހިމާޔަތް ކުރަން ފަށާފައިވާ ސަރަހައްދަކީ މީގެ 10 އަހަރު ކުރިން 30-40 ފޫޓް ގިރާފައިވާ ސަރަހައްދެއް ކަމަށެވެ.

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެއްޓެވީ އެރަށުގެ ހުޅަނގު ދެނުކު ފަރާތުންނެވެ. ރަށްވަށައިގެން ހިމާޔަތް ކުރާ މި ރަށުގައި ދެ ގޮތަކަށް ތޮށިލާނެއެވެ. އެއީ ވޯޓަރ ބްރޭކް އާއި ރިވެޓްމަންޓެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީއޮފް ނޭޝަަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރަކްޗާރ އިން މިމަސައްކަތް އެމްޓީސީސީއާ ހަވާލު ކުރެއްވީ 42.34 މިލިއަން ރުފިޔާއަށެވެ.