މޯލްޑިވްސް މީޑިއާ ކައުންސިލުން ހިންގާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމް މިއަދު ފަށްޓައިފިއެވެ.
ސްޓޫޑަންޓް ޖާރނަލިޒަމް ޕްރޮގްރާމްއަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ސުކޫލްތަކުގެ މީޑިއާ ކުލަބްތަކާއި އަދި ސުކޫލްތަކުން ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް މީޑިއާ ކައުންސިލުން ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ.
ޕްރޮގްރާމް ކޯޑިނޭޓާރ އަދި މީޑިއާ ކައުންސިލްގެ މެންބަރު މޫސާ ރަޝީދު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސްޓޫޑަންޓް ޖާރނަލިޒަމް ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ނޫސްވެރިކަން ކުރަން ބޭނުންވާ ވަރަށް ޝައުގުވެރި އާޖީލެއް ބިނާކުރުންކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގެ ތާރީހަށް ބަލާލިކަމުގައިވީނަމަވެސް ރާއްޖޭގައި މިހާތަނަށް އުފެދިފައިތިބި ނޫސްވެރިންނަކީ ސުކޫލް ދައުރުން ފެށިގެން ނޫސްވެރިކަން ކުރަމުން އައި ފަރާތްތަކަށްކަމަށެވެ. އެ ގޮތުން މީޑިއާ ކައުންސިލުން ބޭނުންވަނީ ކުރިން އަމަލު ކުރި ގޮތަށް ސުކޫލް ދައުރުން ފެށިގެން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީން ދިނުންކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރު އުފެދިފައި ތިބި ނޫސްވެރިށްނަކީ ސުކޫލް ދައުރުން ފެށިގެން ނޫސްވެރިކަން ކުރަމުން އައްނަ ފަރާއްތައް. ދެން އަޅުގަނޑުމެން ބޭނުންވަނީ ކުރިން އަމަލު ކުރި ޓްރެންޑް އަލުން އަނެއްކާ އިޔާދަ ކުރަން" މީޑިއާ ކައުންސިލްގެ މެންބަރު މޫސާ ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ސުކޫލްތަކުން ނޫސްވެރިކަމަށް ޝައުގުވެރިކަން ފާޅު ކުރުމާއެކު އެ ކުދިންނަށް ނޫސްވެރިކަމަކީ ކޮބައިކަމާއި ނޫސްވެރިކަމުގެ ދާއިރާގައި ކުރާ މަސައްކަތްތަކީ ކޮބައިކަން ބޮޑަށް ހޭލުންތެރި ކުރުވާ، ކުދިންގެ ޝައުގުވެރިކަން އުފެއްދުމަކީ މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަގްސަދު ތެރޭގައި ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ ވިދާޅުވި އެންމެ ފުރަތަމަ މި ފެށީ އަހުމަދިއްޔާ ސުކޫލުން ކަމަށާއި އެހެން ނަމަވެސް މާލޭގެ ބައެއް ސުކޫލުތަކުންނާއި އަތޮޅުތަކުގެ ބައެއް ސުކޫލްތަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ތެރެއިން ކުދިންނަށް ރާއްޖޭގެ ޓީވީ ސްޓޭޝަންތަކުގައި މަސައްކަތް ހިނގާގޮތް ބަލާ ދިރާސާކުރުމުގެ ފުރުސަތުވެސް އޮންނާނެކަމަށް މީޑިއާ ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މީޑިއާ ކައުންސިލްގެ ރައީސް ވިދާޅުވި ކުރިއަށް އޮތް ތަނުގައިވެސް މީގެ އިތުރު ޕްރޮގްރާމްތަކެއް ފެއްޓުމަށް މީޑިއާ ކައުންސިލުން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.