ޚަބަރު

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަންނަމަހުގެ 2 ވަނަ ދުވަހު ފަށަނީ


ސިޔާސީ ޕާޓީތަކާއެކު ބާއްވަވާ މަޝްވަރާތައް އަންނަމަހުގެ ދެވަނަ ދުވަހު ފަށްޓަވާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. ސަރުކާރުގެ ފަރާތުން ޕާޓީތަކުގެ މަޝްވަރާތަކަށް ކަނޑައަޅުއްވާފައިވާ މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލަވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީއާއި ޢަދާލަތުން ބައިވެރިވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވާ މަންދޫބުންގެ ނަންތައް ފޮނުއްވުމަށް ފަނަރަ ދުވަހުގެ މުއްދަތެއް ޕާޓީތަކަށް ދެއްވާފައިވާ ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ. ސަރުކާރުން މަޝްވަރާގެ މޭޒަށް ދާއިރު އެއްވެސް އެޖެންޑާއެއް ނެތްކަމަށާއި އެކަމުގައި ގޮތް ނިންމާނީ މަޝްވަރާގެ މޭޒު ދޮށުންކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކުގައި މެދުގައި ފަށާ މަޝްވަރާތަކުގައި އަދި  ބައިވެރިވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.  މި ބައްދަލުވުމުގައި ނޫސްވެރިންނަށް ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވީ، ރާއްޖޭގެ ޙާލަތާގުޅޭ ޞައްޙަ މަޢުލޫމާތު ބޭރުގެ ފަރާތަކަށް ފޯރުކޮށްދެއްވުމަށް ސަރުކާރުގެ ވަޒީރުންގެ ޓީމެއް ދާދި ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކުން އެދެވިގެންދާ ކާމީޔާބީތައް ލިބެމުންދާކަމަށެވެ. އަދި ދާދީފަހުން ރާއްޖެއަށް އީޔުއާއި ކޮމަންވެލްތްގެ ޓީމްތައް  ޒިޔާރަތްކޮށްފައިވާ ކަމަށާއި އެފަރާތްތަކުން ނެރެފައިވާ ބަޔާންތަކުން ސަރުކާރުގެ މަސައްކަތްތަކަށް ތާއިދުކުރައްވާކަން އެނގިގެންދާކަމަށެވެ. ޢާޒީމާ ވިދާޅުވީ، މިއަދު އޮންނަ ސީމެގް ބައްދަލުމުގައި ރާއްޖެއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފާނެ ކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށެވެ. މިނިސްޓަރ ޢާޒިމާ ވިދާޅުވީ، ރާއްޖޭއާ ގުޅޭ އެކިއެކި ވާހަކަތައް އެކި ބޭފުޅުން އެކިއެކި ފޯރަމްތަކުގައި ދައްކަވަމުން ގެންދިޔަނަމަވެސް ރާއްޖޭގެ ތަރައްޤީއަށް ސާރުކާރުން ގެންގުޅުއްވާ އެޖެންޑާއަށް އެއްވެސް މަޑުޖެހުމެތް ހުއްޓުމެއް ނެތްކަމަށެވެ.