މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ހޮލީވުޑްގެ ފިލްމު "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ޑިޖިޓަލް ޕްރީމިއާއަކަށް ތައްޔާރުވެއްޖެއެވެ.
2009 ވަނަ އަހަރު ޑައިރެކްޓަރު ޖޭމްސް ކެމެރޮން ގެނެސްދިން "އެވަޓާ" ސީކުއެލް، ތިން ޕްލެޓްފޯމެއްގައި ޕްރިމިއާ ކުރަން ވަނީ ހަމަޖެހިފައެވެ. މި މަހުގެ 28 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމު ޕްރިމިއާ ކުރާނީ އެމެޒޯން ޕްރައިމް ވީޑިއޯ އާއި އެޕަލް ޓީވީގެ އިތުރުން ވޫޑޫއިންނެވެ. "އެވަޓާ: ދަ ވޭ އޮގް ވޯޓާ" ޑިޖިޓަލް ޕްރީމިއާއަށް ދޫކޮށްލާ ވާހަކަ ފިލްމުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައިވެސް ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ގައި ރިލީޒްކުރި ފިލްމަށް ބޮކްސް އޮފީހުގައި 2.283 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ހެދީ 460 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުންނެވެ.
"އެވެޓާ: ވޭ އޮފް ވޯޓާ" ގެ ކާސްޓުން ކުރީގެ ފިލްމުގެ ބައެއް ތަރިންނާ އެކީ އައު ތަރިންތަކެއްވެސް ފެނިގެންދެއެވެ. އޭގެ ތެރޭގައި "ޓައިޓޭނިކް" ގެ ބަތަލާ ކޭޓް ވިންސްލެޓް ފާހަގަކޮށްލެވެއެވެ.
އޮރިޖިނަލް ފިލްމު "އެވެޓާ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމެވެ. ފަހުން ރިލީޒްކުރަން ހޭދަކުރި 9 މިލިއަން އެމެރިކާ ޑޮލަރާ އެކީ ޖުމްލަ 246 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރި މި ފިލްމަށް އާމްދަނީގެ ގޮތުގައި 2.847 ބިލިއަން އެމެރިކާ ޑޮލަރު ލިބުނެވެ.
"އެވެޓާ" 3 ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު 20، 2024 ގައެވެ. އޭގެ ފަހުން "އެވެޓާ" 4 ރިލީޒް ކުރަން ޑިސެމްބަރު 18، 2024 ތާވަލުކޮށްފައިވާއިރު، "އެވެޓާ" 5 ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރ 22، 2028 ގައެވެ.