ޚަބަރު

ސްޓެލްކޯގެ 4 މުވައްޒަފަަކަށް ހައްޖާއި އުމްރާއަށް ދިއުމުގެ ފުރުސަތު


ސްޓެލްކޯގެ 4 މުވައްޒަފަކަށް މި އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރަން ދިއުމުގެ ފުރުސަތު ދީފިއެވެ.

މި އަހަރުގެ ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ސްޓެލްކޯއިން ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ކުޑަގިރީގައި ބޭއްވި މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށާއި، ރަމަޟާންމަހަށް މަރުހަބާ ކިއުމުގެ ގޮތުން ބޭއްވި ރަސްމިއްޔަތުގައެވެ.

ކުޑަގިރީގައި ބޭއްވި ރަސްމިއްޔަތުގައި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޖީހާން މަހުމޫދު އަދި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީއެވެ.

ސްޓެލްކޯއިން މި އަހަރުގެ ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ހުޅުވާލި ފުރުޞަތު ހުޅުވާލުމުން އެކަމަށް އެދި 262 ފިރިހެން މުވައްޒަފުންނާއި 56 އަންހެން މުވައްޒަފުންގެ ތެރެއިން، ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 96 މުވައްޒަފުންނާއި އަންހެން 22 މުވައްޒަފުންނެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ހައްޖުގެ ފުރުސަތަށް އެދި ހުށައެޅި މުވައްޒަފުންގެ މެދުގައި ޤުރުއަތުލައިގެން ހައްޖުގެ އަޅުކަން އަދާކުރުމަށް ފިރިހެން މުވައްޒަފުންގެ ތެރެއިން ހޮވިފައި ވަނީ ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ޢަބްދުﷲ ޝަރީފް އާއި ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ޙަދީޖާ ތައުފީޤްއެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް ހޮވިފައިވާނީ ސްޓެލްކޯގެ ސާރވިސް ސެންޓަރުގައި ވަޒީފައަދާކުރާ ޝާހުލް ހަމީދު އާއި ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ ފާތިމަތު ރިޒްނާއެވެ.

ސްޓެލްކޯއިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ އެކުންފުންނީގައި 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 5 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.