ޚަބަރު

ރާއްޖޭގައި އޮނުގަސް އިންދާ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ


ދިވެހިރާއްޖޭގެ ރަށްތައް ހަނަފަސްވިޔަ ނުދީ ފެހިކަން އިތުރުކުރުމަށް ހިންގާ "ރަށްފެހި ޕްރޮގްރާމް" ގެ ދަށުން އޮނުގަސް އިންދާ އާލާކުރުމުގެ ޕްރޮގްރާމެއް ފެށުމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓުން ތައްޔާރުވެއްޖެއެވެ.

ރަށްފެހި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ރަށްތައް ހަނަފަސްވިޔަ ނުދީ ފެހިކަން އިތުރުކޮށް ރުއްގަސް ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން 2018ވަނަ އަހަރުގެ ފަހުކޮޅު އިފްތިތާޙް ކުރެވުނު ޕްރޮގްރާމެކެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށާއި މި ގެއްލުންތަކަށް ހޭނި އަދި ގެއްލުންތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެގޮތުގެ މަތިން، ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލްކުރުމަށް، އެޓްމޮސްފެއަރ ފައުންޑޭޝަނާއެކު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްރޮޖެކްޓްގެ ދަށުން، އޮނުގަސް ރާއްޖޭގައި އިންދާ އާލާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

އޮނު ގަހަކީ ވަރަށް އަވަހަށް ހެދޭ، އަދި އަމިއްލައަށްވެސް އާލާވާ ޒާތުގެ ގަހެކެވެ. އަދި އޮނަކީ އެހެން ވައްތަރުގެ ގަސްގަހާ ގެއްސަށްވުރެ ޖައްވުން ކާބަންޑައިއޮކްސައިޑް އިތުރަށް ހިފަހައްޓާކަން ފާހަގަކުރެވިފައިވާ ބާވަތެއްގެ ގަހެކެވެ. އަދި މި މިބާވަތުގެ ގަސް، އެހެން ގަސްތަކަށްވުރެ %35 އަށްވުރެ ގިނަ އޮކްސިޖަން ރޭގަނޑު އުފައްދައެވެ.

އޮނުގަހުން ކާބަންޑައިއޮކްސައިޑް ހިފަހައްޓަނީ ގަހުގެ ގަސްގަނޑުގައި ކަމަށްވުން، ކާބަންޑައިއޮކްސައިޑް ވަރަށް ގިނަ އަހަރުތަކަށް ރައްކާކޮށްފައި ބަހައްޓައެވެ. އެހެންކަމުން، މި ޕްރޮޖެކްޓްގެ ދަށުން، ރާއްޖެ ނެޓްޒީރޯ ގައުމަކަށް ވާސިލްވުމަށް ފަށާފައިވާ މަސައްކަތުގެ މަންޒިލަށް ވާސިލުވުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާނެކަން އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ އެންވަޔަރަންމަންޓް ޑިޕާޓްމަންޓް ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ ރަށްފެހި ޕްރޮގްރާމް ކުރިއަށްދަނީ ކުންފުނިތަކާއި ޖަމިއްޔާތަކާއި ރަށްރަށުގެ ކޮމިއުނިޓީތަކާ ގުޅިގެންނެވެ. މުހައްމަދު ޒާހިރު ވިދާޅުވީ މިމަސައްކަތް ފެށިގެން ދިޔުމާއެކު އެމަސައްކަތް ކުރާ ފަރާތާއި ގަސް ހޯދާނެ ގޮތާއި މަސައްކަތް ކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށެވެ.

މުހައްމަދު ޒާހިރު މިމަސައްކަތް ފެށުމުން ކުންފުނިތަކުން ރަށްތައް ފެހިކުރުމުގެ މަސައްކަތް ކުރަން ފަށާނެ ކަމަށާއި އަދި އޭގެފަހުން ބޮޑެތި ރިސޯޓްތަކާއި ބޮޑެތި ވިޔަފާރިތައް މިކަމުގެ ތެރޭގައި ބައިވެރިވެ ރަށްފެހި ކުރުމުގެ މަސައްކަތް ކުރާނެކަމަށް ދެކެވެޑައިގަންނަވާ ކަމަށެވެ.

"ބައެއް ރިޒޯޓްތައް ބައެއް ކުންފުނިތައް ބައެއް ވިޔަފާރިތައް މީގެ ތެރެއައް އިންވޯލްވެގެން އެބޭބޭ ފުޅުން ހަމަ އެކިއެކި ރަށްރަށް ފެހި ކުރުމަށް ގަދައަޅާ މަސައްކަތް ކުރާތާ ފެނިގެން ދިޔުން" ޒާހިރު ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި އާބާދީގެ ނިސްބަތް އިތުރުވުމާއި އަދިވެސް އެހެނިހެން ސަބަބުތަކާއިހުރެ، ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަން ދުވަހެއް ދުވަހަކަށް ނެތެމުންދާ ކަމަށެވެ. އަދި ރަށްރަށުގެ ބިމުގެ ޖާގައަށް ޑިމާންޑް ބޮޑުވެ ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވާއިރު ހިއްކި ގިނަ ސަރަހައްދުތައް ހަނަފަސް ސަހަރާތަކެއްގެ ގޮތުގައި ދޫކޮށްލެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެހިކަން ހުރި މިންވަރު ހޯދުމަށް ކުރެވުނު ދިރާސާގައި ބިމުގެ ނިސްބަތަށް ބަލާ، 30 އިންސައްތަ ވުރެ މަދުން ފެހިކަން ހުރި 36 ރަށެއް ފާހަގަކުރެވިފައިވާ ކަމަށެވެ.