ޚަބަރު

ސާރާގެ "ގޭސްލައިޓް" ޝޫޓް ކުރީ އެންމެ 36 ދުވަހުން


މި މަހުގެ 14 ވަނަ ދުވަހު ޓްރެއިލާ ދައްކާލާފައިވާ ބަތަލާ ސާރާ އަލީ ޙާންގެ "ގޭސް ލައިޓް" ޝޫޓް ކުރީ އެންމެ 36 ދުވަހުން ކަމަށް އޭގެ ޑައިރެކްޓަރު ޕަވަން ކްރިޕްލާނީ ބުނެފިއެވެ.

މި މަހުގެ 31 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓް ސްޓާރ އިން ރިލީޒްކުރަން ތާވަލުކޮށްފައިވާ މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ އިންޑިއާގެ ގުޖްރާތުގައެވެ. މިކަމާއި ގުޅިގެން ޕަވަން ބުނީ ވަރަށް ކުޑަ ދުވަސްކޮޅެއްގައި ލިމިޓެޑް ބަޖެޓަކުން އޭނާ އަށް ފިލްމެއް ހެދިދާނެ ކަމަށެވެ.

މިހާރު އާންމުކޮށްފައިވާ މި މިސްޓްރީ ތުރިލާގެ ޓްރެއިލާ އިން ފެންނަ ގޮތުގައި ސާރާ ކުޅެފައި ވަނީ ފުރޮޅުލީ ގޮނޑިއެއްގައި އިންނަ ނުކުޅެދޭ މީހެއްގެ ކެރެކްޓާއެވެ. އެކަމަކު މިއީ ސިއްރުން ފުރިގެންވާ ކެރެކްޓާއެކެވެ.


ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށްފައިވާ "ގޭސްލައިޓް" އަކީ ސިއްރު މަރެއްގެ ހަގީގަތް ތިލަކުރަން ކުރާ މަސައްކަތްތަކެއްގެ ތެރޭގައި ދިމާވާ ޝައުގުވެރި ކަންތައްތަކެއް ދައްކުވައިދޭނެ ފިލްމެކެވެ. މީގެ ކާސްޓްގައި ވިކްރާންތު މަސީ، ޗިތުރަންގަދާ ސިންގް އަދި އަކްޝޭ އޮބެރޯއީ ފަދަ ތަރިން ހިމެނެއެވެ.

ސާރާ އެންމެ ފަހުން ފެނުނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "އަތުރަންގީ ރޭ" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ހޯމީ އަދްޖާނިއާ ޑައިރެކްޓުކުރާ "މާޑާ މުބާރަކް" އަދި ވިކީ ކޯޝާލް އާއިއެކު ފެންނަ ލަކްޝްމަން އުތޭކަރްގެ ރޮމޭންޓިކް ކޮމެޑީވެސް ހިމެނެއެވެ.