ރާއްޖޭގައި ދަނޑުވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ ނުވަތަ ނަގާކިޔާ އެއް ރަށަކީ އއ. ތޮއްޑޫއެވެ. ވަކިން ޚާއްސަކޮށް ތޮއްޑޫ ކަރާއަކީ މުޅި ރާއްޖެއަށްވެސް މަޝްޙޫރު ބްރޭންޑެކެވެ.
ކޮންމެ ރަމަޟާންމަހެއްގައިވެސް ބާޒާރުގައި އެންމެ ޑިމާންޑް ބޮޑުވާ އެއް ބާވަތަކީ ތޮއްޑޫ ކަރާއެވެ. މި ރަމަޟާންމަހުވެސް ކަރާގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ތޮއްޑޫގެ ދަނޑުވެރިން ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ.
ދަނޑުވެރިކަމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެއް ޒަމާނެއްގައި ކުރަމުން އައި މަސައްކަތެކެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް މިހާތަނަށް ހުއްޓުމެއްނެތި ކުރަމުންދަނީ ނިސްބަތުން ވަރަށް މަދު ރަށެއްގައޭ ބުނެވިދާނެއެވެ.
އއ. ތޮއްޑުއަކީ މިގޮތަށް ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރަމުން އަންނަ މަދު ރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ނަމޫނާ ރަށެކެވެ. ރަމަޟާންމަހު ތޮއްޑޫ ކަރާގެ ރަހައާއި ނުލައި ގިނަ ގެތަކުގެ ސުފުރާމަތި، ފަޅުފިލުވައެއް ނުލެވެއެވެ. ކަރާ ފަންޏަކީ ރަމަޟާންމަހަށް ދިވެހިންގެ "ފޭވަރިޓް" ބުއިމެވެ.
ތޮއްޑޫ މިއަހަރުވެސް އޮތީ ރަމަޟާންމަހު ރާއްޖޭގެ ބާޒާރަށް ބޭނުންވާ ކަރާ ފޯރުކޮށްދިނުމަށް ތައްޔާރަށެވެ. ރަަމަޟާން މަސް ފެށުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، އެހެން އަހަރުތަކެކޭ އެއްގޮތަށް ތޮއްޑޫގެ ދަނޑުވެރިން އުޅެނީ އަވަދިނެތިއެވެ.
ތޮއްޑޫ ދަނޑުވެރިން ރަމަޟާން މަސް ސިފަކުރަނީ ކަރާ މޫސުމުގެގޮތުގައެވެ. މިއީ ތޮއްޑުއަށް އަންނަ އެންމެ އުފާވެރި އަދި ކޮންމެ ދަނޑުވެރިއެއްވެސް އިންތިޒާރު ކުރަމުންއަންނަ ދުވަސްކޮޅެކެއެވެ. އެއީ ތޮއްޑުއަށް އައްނަ ބޮޑު ޢީދޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ތޮއްޑޫގެ ދަނޑުވެރިން އަވަދިނެތި ތިބީ ދަނޑުތައް ބެލެހެއްޓުމުގައެވެ. ތޮއްޑޫ ދަނޑުވެރިން ފޯރިއާއެކު ކުރަމުން އަންނަ މި މަސައްކަތަކީ ވަރަށް ބޮޑު ހޭދައެއްކޮށްގެން ކުރަމުން އަންނަ ބުރަ މަސައްކަތެކެވެ. ގޮވާންކުރުމަށް ދަނޑުތައް ތައްޔާރުކުރުމާއި، އިންދުމާއި، ދަނޑަށް ބޭނުންވާ ގަސް ކާނާއާއި، ބޭހާއި ކެމިކަލް ހޯދައި، ދަނޑު ބެލެހެއްޓުމުގައި ދަނޑުވެރިން އެތައް ވަގުތެއް ހޭދަކުރެއެވެ.
ރަމަޞާންމަހަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް ވިދާޅުވީ، މި އަހަރުވެސް ކުރިން އަހަރުތަކޭ އެއްގޮތަށް ރަމަޞާންމަހަށް ޚާއްސަކޮށްގެން ކަރާ އަދި އެހެން ބާވަތްތައް ހެއްދުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ތޮއްޑުގެ ދަނޑުވެރިން ކުރަމުން އަންނަ ކަމަށެވެ. އަދި ރޯދަމަސް ފެށެވެންވާއިރު މާރުކޭޓަށް މިތަކެތި ނެރެވޭނެކަށް ކަރަމް ވިދާޅުވިއެވެ.
ކަރަމް ވިދާޅުވީ، މި އަހަރުވެސް ތޮއްޑުއިން 200 ޓަނަށްވުރެއް ގިނަކަރާ މާރުކޭޓަށް ނެރެވޭނެކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ފަތްޕިލާވެލި އަދި ތަރުކާރީގެ ބާވަތްވެސް މާރުކޭޓަށް ގިނަ ޢަދަދަކަށް ނެރެވިގެން ދާނެއެވެ.
"ކަރާ އަޅުގަނޑުމެން އެސްޓިމޭޓް މި ކުރަނީ 200 ޓަނަށްވުރެ އިތުރަށް ރަމަޞާންމަހުގައި މިފަހަރުވެސް މާލޭގެ މާރުކޭޓަށް ފޯރުކޮށްދެވޭނެކަމަށް. އޭގެ އިތުރަށް ހަމަ ކުރިއެކޭ އެއްގޮތައް ބަދިގެއަށް ބޭނުންވާ އާންމުކޮށް ރާއްޖޭގައި ހައްދާ ފަތްޕިލާވެލީގެ ބާވައްތައް އަދި ތަރުކާރީގެ ބާވަތްތައް ގެންދެވޭނެ. ސީދާ ޢަދަދެއް ދަންނަވަން އަދި ދަތި" ކަރަމް ވިދާޅުވިއެވެ.
ކަރަމް ވިދާޅުވީ، 157 ހެކްޓަރުގެ ތޮއްޑުގައި މީހުން ދިރިއުޅެމުންދާ ކުޑަ ސަރަޙައްދު ފިޔަވައި، ރަށުގެ ހުރިހާ ސަރަޙައްދުތައް އޮތީ ދަނޑު ބިމަށް ދޫކޮށްފަކަމަށެވެ. އެގޮތުން ރަމަޞާންމަހަށް ޚާއްސަކޮށް އެކަނިވެސް 2.3 މިލިއަން އަކަފޫޓުގެ ބިން ދޫކޮށްފައިވާކަމަށެއެވެ. އެގޮތުން ތޮއްޑޫގައި ދަނޑުވެރިކަން ކުރުމަށް 90 ހެކްޓަރުގެ ސަރަހައްދު ވަނީ ހާއްސަ ކުރެވިފައެވެ.
ތޮއްޑޫގެ ދަނޑުވެރިން ބުނާގޮތުން ރަމަޟާން މަހަށް ކަރާ ހެއްދުމުގެ މަސައްކަތުގެ %90 މިހާރުވަނީ މުޅިން ނިމިފައެވެ. އަދި މިހާރު ތައްޔާރުވަމުންދަނީ ސަޕްލައިގެ މަސައްކަތަށެވެ.
ތޮއްޑޫގެ ދަނޑުވެރިން ބުނަނީ މިއަހަރު ދަތިކަމެއް ނެތި މުޅި ރަމަޟާންމަހަށް ބޭނުންވާ ވަރަށް ރަށުގެ ދަނޑުތަކުން ކަރާ ލިބޭނެކަމަށެވެ. އަދި އަގުވެސް ބޮޑު ނުވެ ހިފެހެއްޓޭނެކަމަށެވެ.
ތޮއްޑުއަކީ ދަނޑުވެރިކަމުގައި ނަމޫނާ ރަށެކެވެ. ދަނޑު ހެއްދުމުގެ މަސައްކަތް ނުކުރާ ޢާއިލާއެއް ރަށުގައި ނެތެވެ. މިއީ ބުރަ ބޮޑު މަސައްކަތެކެވެ. ނަމަވެސް ހިތްވަރާއި ދަނޑުވެރިކަމުގެ ޒަމާނީ ވަސީލަތްތަކާއި އުކުޅުތަކާއެކު ކޮންމެ ރަށެއްގައިވެސް ކުރިއެރުވޭނެ މަސައްކަތެކެވެ. އަދި ބޮޑު އާމްދަނީއެއް ހޯދޭނެ މަސައްކަތެއްވެސް މެއެވެ.
އާންމުކޮށް ކޮންމެ އަހަރެއްގެ ރަމަޟާންމަހު ދިވެހި އުފެއްދުންތައް އެންމެ ގިނައިން ބާޒާރަށް ނެރޭ އެއް ރަށަކީ ތޮއްޑޫއެވެ. ޚާއްސަކޮށް ކަރާއެވެ. ތޮއްޑުގެ ދަނޑުވެރިން ބުނާ ގޮތުން މި ފަހަރުވެސް ހުސްނުވެ ބާޒާރުން ތޮއްޑޫ ކަރާ ލިބެން ހުންނާނެއެވެ. އަދި ކަރާގެ އަގު ހިފެހެއްޓުމުގައި ތޮއްޑޫގެ ކަރާ މުހިންމު ރޯލެއް އަދާކުރާނެކަމަށް ތޮއްޑުގެ ދަނޑުވެރިން ފާހަގަކުރެއެވެ.