ޚަބަރު

ގުޅީ ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި


ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުގެ ދަށުން ގުޅީގެ 10.15 ހެކްޓަރުގެ ބިންހިއްކުމާއި 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުން ކުރިއަށްދާނެއެވެ. އަދި 88 މީޓަރުގެ ގޮރޮއިން ޖެހުމުގެ މަސައްކަތްވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށްފަހުކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މަޝްރޫއަކީ 82.99 މިލިޔަން ރުފިޔާގެ މަޝްޜޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާއި ހަވާލްކޮށްފައިވަނީ 450 ދުވަސް ތެރޭގައި ނިންމާގޮތަށެއެވެ.

994 މީހުންގެ އާބާދީއެއް ދިރިއުޅޭ ކ. ގުޅިއަކީ ބިމުގެ ޖާގައިގެ ގޮތުން ކުޑަ ރަށެއްކަމުގައި ވީނަމަވެސް ރީތި ތުނޑިޔަކާއި ހިތްގައިމު މޫދެއް ލިބިފައިވާ ރަށެކެވެ. މި ރަށުގެ ރައްޔިތުން މައިގަނޑުގޮތެއްގައި އާމްދަނީ ހޯދަނީ ގެސްޓްހައުސް ވިޔަފާރި ކޮށްގެނާއި ކައިރީގައި އޮންނަ އެކިއެކި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެންނެވެ. މީގެ އިތުރުން އޮޑިދޯނިފަހަރު މަރާމާތުކުރާ ޔާޑެއް މި ރަށުގައި އޮންނައިރު ކަންނެއްޔަށާއި ކަނޑުމަހުގެ މަސްވެރިކަން ކުރާ 5 އޮޑިފަހަރުވެސް މިރަށުގައި އޮވެއެވެ. އަތޮޅުގެ އެހެން ރަށްތަކޭ އެއްފަދައިން މި ރަށުގައިވެސް އަންނަނީ ފަތުރުވެރިކަން ފުޅާވަމުންނެވެ.

އެގޮތުން މިހާރުވެސް ރަނގަޅު ފެންވަރުގައި ހިންގާ 12 ގެސްޓްހައުސްއެއް ރަށުގައި ހުރިއިރު، ގެސްޓު ހައުސްތަކުގައި ހުރި އެނދުގެ އަދަދު ޖުމްލަ 100އަށް އަރައެވެ. ގުޅީގެ ރައްޔިތުންގެ އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ދަތިކައެވެ.

9.19 ހެކްޓަރުގެ މި ރަށް އެއްކޮށް ފުރިފައިވާއިރު އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީވެސް 1996 އަކުން 1998 ދެމެދުގެ ހިސާބެއްގަކަމަށް އެ ރަށު ކައުންސިލުން މައުލޫމާތުދެއެވެ.

ގުޅީ ބިން ހިއްކުމުގެ މަޝްރޫއާއެކީ ގުޅީގެ ރައްޔިތުންނަށް ދިވާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައައް ހައްލު ލިބި އިގްތިސާދީ އަދި ސިނާއީ އެކިއެކި މަސައްކަތް ކުރުމަށް ބިން ރަށަށް އިތުރުވެގެން ދާނެއެވެ.