ޚަބަރު

ރޯދަމަހު މުދާ އުފުލުމާއި ވިޔަފާރިކުރާ ގަޑިތަކަށް ބަދަލެއް


ކޮންމެ އަހަރެއްގެ ރަމަޞާންމަހަކީ މަސައްކަތު ގަޑިއަށާއި، މުދާ އުފުލާ ގަޑިތަކަށް ބަދަލުތަކެއް އަންނަ މަހެކެވެ. މިއާއެކު ކެފޭ ރެސްޓޯރެންޓްތަކާއި، ފިހާރަތައް ހުޅުވާ ގަޑިތަކަށްވެސް ބަދަލު އާދެއެވެ.

އެގޮތުން މި ރަމަޟާންމަހުވެސް މުދާ އުފުލާ ގަޑިތަކަށާއި، ވިޔަފާރި ކުރާ ތަންތަނާއި ކެެއުން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ކަމާބެހޭ ފަރާތްތަކުން ވަނީ އާއްމުކޮށްފައެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި މުދާ އުފުލޭނެ ގަޑިތައް:

ގްރޭޓަރ މާލެ ސަރަހައްދުގައި ދުވާލުގެ ވަގުތުތަކުގައި ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:30 އަށް މުދާ އުފުލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ. އަދި އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އާއި ދެމެދު ހުރިހާ ބާވަތެއްގެ ހުރިހާ ގިންތިއެއްގެ މުދާ އުފުލޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރަށް ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ބުރިޖުން ހުރިހާ ގިންތިއެއްގައި މުދާ އުފުލާ އުޅަނދުގައި މުދާ އުފުލޭނެއެވެ. އެހެންނަމަވެސް އެ ވަގުތުތަކުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުންކަމަށާއި މިނޫން ވަގުތުތަކުގައި ބުރިޖުމަތިން މުދާ އުފުލުމަކީ މަނާކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ފެނާއި ކައްކާ ގޭސް ބުރިޖު ހުރަސްކޮށް ގެންދެވޭނެކަމަށެވެ.

ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިތައް:

ރޯދަމަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެ ދުވަހެއްގެ ހަވީރު 05:30 އިން މެންދަމު 03:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުގައިކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް:

މި ރޯދަމަހު މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. 15 މާރިޗުއިން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ ހަފުތާގެ ނިޔަލަށް މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 05:30 އިން ފެށިގެން ދަންވަރު 01:00 އަށެވެ.

މިހާރު އާއްމު އުސޫލުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އާއްމުންނަށް ހުޅުވާފައި ބެހެއްޓެނީ ފަތިހު 04:00 އިން މެންދަމު 01:00 އަށެވެ.

ނަމަވެސް ރޯދަ މަހާ ދިމާކޮށް މި ގަޑިތަކަށް މި ގެނައި ބަދަލުތަކަކީ ކޮންމެ ރޯދަމަހަކާއެކު ވެސް ކެފޭ، ރެސްޓޯރެންޓުތަކާއި މުދާ ވިއްކާ ފިހާރަތައް ހުޅުވާފަ ހުންނަ ގަޑިތަކަށް ބަދަލު ގެންނަ އުސޫލުން ގެނައި ބަދަލެކެވެ.