ސަރުކާރުން ފަށާފައިވާ ހަކަތަރި ޕްރޮގްރާމްގެ ސަބަބުން 2030 ވަނަ އަހަރާ ހަމައަށް ދާއިރު 800 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ޚަދީޖާ ނަސީމް ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމުގެ ގައުމީ ކެމްޕެއިން އިފްތިތާހުކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
ހަކަތަރި ޕްރޮގްރާމަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ ތަކެތިކަން ޔަގީންކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ.
ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމުގެ ގައުމީ ކެމްޕެއިން އިފްތިތާހުކޮށްދެއްވާ ވާހަކަ ދައްކަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ޚަދީޖާ ނަސީމް ވިދާޅުވި ހަކަތަރި ޕްރޮގްރާމު ކާމިޔާބު ކަމާއެކު ހިންގުމުން، 2030 ވަނަ އަހަރާ ހަމައަށް ބޭނުންވާ ޖެނެރޭޝަން ކެޕޭސިޓީގެ ތެރެއިން 147 މެގަވޮޓް ދަށްކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން އައު އިންޖީނުތައް ގަނެ އިތުރު ކަރަންޓުގެ ނިޒާމުތައް ބިނާކުރުމަށް ކުރަންޖެހޭ ޚަރަދުގެ ތެރެއިން 800 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެެވެ.
މީގެ އިތުރުން ހަކަތަ ސަމަކާރަ ކުރުމާއި ހަކަތަ އިގްތިސާދު ކުރުމަކީ ގައުމީ ފެންވަރުގައި ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށާއި، ސަރުކާރާއި ރައްޔިތުން ގުޅިގެން މިކަމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ޚަދީޖާ ނަސީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ރާއްޖޭގެ އެކިހިސާބުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 34.7 މެގަވޮޓްގެ އަވިން ކަރަންޓު އުފައްދާ ނިޒާމު ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްކުރެވިފައިވާ ކަމަށެވެ. މީގެ ސަބަބުން ގާތްގަނޑަކަށް ސާޅީސް ހާސް މެޓްރިކްޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުކުރުން މަދުކުރެވި 16 މިލިއަން ލީޓަރުގެ ތެޔޮ ބޭނުންކުރުން މަދުކުރެވޭނެކަން ވެސް ޚަދީޖާ ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ އެކިހިސާބުތަކުގައި އަވިން ހަކަތަ އުފައްދާ ނިޒާމް ދަނީ ގާއިމުކުރެވެމުން. ފާއިތުވި ހަތަރު އަހަރު ޖުމްލަ 34.7 މެގަވޮޓްގެ އަވިން ކަރަންޓު އުފައްދާ ނިޒާމު ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްކުރެވިފައިވަނީ" ހަދީޖާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމުގެ ގައުމީ ކެމްޕޭނައް އަލިއަޅުއްވައިލާ ހަދީޖާ ވިދާޅުވި މި ކެމްޕެއިންގެ އެއް އަމާޒަކީ މިނިސްޓްރީން ފަށާފައިވާ ހަކަތަރި ޕްރޮގްރާމުގައި އާންމުންގެ ބައިވެރިވުން ހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވެސް ރާއްޖޭގެ ރަށްރަށުގެ އިންޖީނުގެ ތަކުގައި ބޭނުންކުރާ ތެލުން ބޮޑު ނިސްބަތެއް ސަލާމަތްކުރެވި، އެ ތެޔޮ އެންދުމުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭސް މަދުކުރުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރުގެ ނައިބު އަލީ މާޖިދް ވިދާޅުވީ ރާއްޖެއަކީ ކަރަންޓު އުފެއްދުމަށް ބޭރުން ތެޔޮ އެތެރެކޮށް އެކަމަށްޓަކައި ބޮޑު ޚަރަދެއް ކުރަންޖެހޭ ގައުމެއް ކަމަށެވެ. އެގޮތުން ކަރަންޓު އުފެއްދުމަށްޓަކައި ގައުމެއްގެ ޖީޑީޕީން 10 ވަރަކަށް އިންސައްތަ ޚަރަދުވާކަމަށް އަލީ މާޖިދު ވިދާޅުވިއެވެ.
މާޖިދް ވިދާޅުވީ ތެލުން އުފައްދާ ކަރަންޓު އެކަށީގެންވާ އަގެއްގައި ރައްޔިތުއްނަށް ފޯރުކޮށްދިނުމަށް ދައުލަތުން ބޮޑު އަދަދަކުން ސަބްސިޑީއެއް ހުރިހާ ރައްޔިތުއްނަށް ދެމުން ގެންދާކަމަށެވެ. ރާއްޖޭން ބޭރުން އިމްޕޯޓްކުރާ ތެލުން އުފައްދާ ކަރަންޓު އޭގެ ހަގީގީ އަގުގައި ވިއްކާނަމަ އާންމު ފަރުދުންނަށް ކަރަންޓު ބޭނުން ކުރުމަކީ ބޮޑު ތަކުލީފަކަށްވާނެ ކަމަށްވެސް މާޖިދު ވިދާޅުވިއެވެ. މާޖިދުވަނީ، ގެޔަށް ބޭނުންވާ ކަރަންޓު ވަސީލަތްތައް ގަންނައިރު ވީހާވެސް މަދުން ކަރަންޓު ބޭނުންކުރާ އާލަތް ގަތުމަށް އިލްތިމާސްކުރައްވާފައެވެ.