ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ތެރެއިން އިމާރާތްކުރާ 300 ފްލެޓްގެ މަސައްކަތް ކުރިއަށްއޮތް 2 އަހަރު ތެރޭގައި ނިންމާލެވޭނޭކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު މިހެން ވިދާޅުވީ ރޭ ކަޅުތުއްކަލާކޮށީގައި ދިވެހި ސިފައިންނާއި މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި އަސްކަރިއްޔާ ތަރައްޤީކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި 300 ފްލެޓް އެޅުމުގެ މަޝްރޫއެއް އިފްތިތާޙްކުރެއްވީ 2013 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ. އެތަނުގެ ބިންގާ އެޅިގެންދިޔައީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އަދި އެ ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް 2014 ނޮވެމްބަރުމަހު ފެށުނެވެ.
ސިފައިންނާއި މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ ސިފައިންނަށް ޚާއްސަކޮށްގެން ޢިމާރާތްކުރާ "ސިފްކޯ ހިޔާ" 300 ފްލެޓްގެ މަސައްކަތް އަލުން ފެށިގެން ކުރިއަށްދާކަމަށެވެ. އަދި އެމަސައްކަތް ކުރިއަށްގެންދިއުމުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރެއްވިކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފްލެޓްތަކުގެ މަސައްކަތް ނިމޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި އަސްކަރިއްޔާ ތަރައްޤީކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން، އިތުރު ހެލިކޮޕްޓަރަކާއި އަސްކަރީ މަތިންދާބޯޓް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މީގެ އިތުރުން އެމްއެންޑީއެފްގައި އަސްކަރީ ކޯޓެއް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާކަންވެސް މިނިސްޓަރ ރޭ އިޢުލާންކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި ސިފައިން އަބަދުވެސް ދެމިތިބެން ވާނީ ދީނީ އަދި ޤައުމީ ވާޖިބު އަދާކުރުންމަތީކަމުގައިކަން ހަނދާން ކޮށްދެއްވިއެވެ.
މި ރަސްމިއްޔާތު ނިމިގެން ދިޔައީ ޚާއްޞަ ދުޢާއަކުންނެވެ. ޑިފެންސް މިނިސްޓަރ ސިފައިންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.