ދުނިޔެ

އަފްޣާން ރެފިއުޖީންނަށް ޕާކިސްތާނުގައި ތިބުމުގެ މުއްދަތު ހަމަވަނީ


ޕާކިސްތާނުގައި ތިބި އަފްޣާނިސްތާނުގެ 2.5 މިލިޔަން ރެފިއުޖީން އެޤައުމުގައި ތިބުމަށް ދީފައިވާ މުއްދަތު ހަމަވާތީ، އެކަން ޙައްލުކޮށްދިނުމަށް އދ.ން ޕާކިސްތާނަށް ގޮވާލައިފިއެވެ.



އދ. ގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ ޕާކިސްތާނުގައި ތިބުމަށް ދީފައިވާ ހުއްދައިގެ ކާޑުގެ މުއްދަތު ހަމަވެފައިވާ އަފްޣާން ރެފިއުޖީންނާއި އަދި މިހާތަނަށް ރަޖިސްޓްރީ ކޮށްފައިނުވާ އަފްޣާން ރެފިއުޖީންނަށް ޕާކިސްތާން ފުލުހުންގެ ފަރާތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންދާތީ މިކަން ޙައްލުކޮށްދިނުމަށް ޕާކިސްތާނުގެ ކިބައިން އެދޭކަމަށެވެ.



ރެފިއުޖީންނާބެހޭ އދ. ގެ އިދާރާ ޔޫ.އެން.އެޗް.ސީ.އާރު ބުނާގޮތުން ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގެ ދޭއް ޕޮއިންޓް ފަހެއް މިލިޔަން ރެފިއުޖީންނަށް ހިޔާވަހިކަން ދީފައެވެ. މީގެތެރެއިން 1.5 މިލިޔަން ރެފިއުޖީންނަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވެފައިވާއިރު ޔޫ.އެން.އެޗް.ސީ.އާރުން ބުނަނީ ޕާކިސްތާނުން ދީފައިވާ މި މުއްދަތު ހަމަވެފައިވީ ނަމަވެސް އަފްޣާން ރެފިއުޖީން ދާނެ އެހެން ތަނެއް ނެތްކަމަށެވެ.