މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި، ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ދައުލަތުގެ ޚަރަދުތަކާއި ޢާމްދަނީގެ ތަފްސީލް ހާމަކުރުމަށް ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ 1 އިން، މާރޗް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 8.4 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 7.4 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު، 14 އިންސައްތަ ނުވަތަ ބިލިއަނެއްހާ ރުފިޔާގެ އިތުރުވުމެކެވެ.
ދައުލަތަށް ލިބޭ ޢާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސްއިން ލިބޭ ޢާމްދަނީ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ އާމްދަނީއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހު ޓެކްސްގެ ގޮތުގައި 6.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 5.5 ބިލިއަން ރުފިޔާއެވެ. މިއީ 21 އިންސައްތައިގެ އިތުރުވުމެކެވެ.
ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އިމްޕޯޓް ޑިއުޓީން 761 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ބީޕީޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ އަދި ޖީއެސްޓީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 276 މިލިއަން ރުފިޔާ އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 237 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ދައުލަތުގެ ޚަރަދުތައް ވަނީ 11 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ކުރި ޚަރަދުތަކާއި އަޅާބަލާއިރު 1.6 ބިލިއަން ރުފިޔާ އިތުރު ޢަދަދެކެވެ.
ދައުލަތުގެ ހަރަދަށް ހިނގި 11 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 7.6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.4 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ހަރަދުގެ 7.6 ބިލިއަން ރުފިޔާގެ ތެރެއިން 4.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ އޮފީސްތައް ހިންގުމުގެ ހަރަދުގެ ގޮތުގައެވެ. 2.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ މުސާރައާއި އިނާޔަތްތަކަށެވެ.
ކެޕިޓަލް ހަރަދު ނުވަތަ ތަރައްޤީގެ މަސައްކަތްތަކަށް ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ވަނީ 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އޭގެތެރެއިން 2.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އުމްރާނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިންގަމުންނެވެ.
މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ދައުލަަތަށް ލިބުނު އާމްދަނީއަށް ކުރިއެރުންތަކެއް އައިސްފައި މިވަނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ޓެކްސް ރޭޓްތަކަށް މިއަހަރުން ފެށިިގެން ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މި ބަދަލުތަކާއެކު ދައުލަތަށް ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާގެ ކުރިއެރުމެއް މިއަހަރުވެސް އަންނާނެކަމަށް ހިސާބުތަކުން ދައްކާއެެވެ.