މިއަހަރު ނިމޭއިރު ރާއްޖެއާއި ޗައިނާއާ ދެމެދު ފްރީޓްރޭޑް އެގްރިމެންޓެއް ޤާއިމްކުރުމަކީ އަމާޒެއްކަމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދު ޤާއިމްކުރުމަށް މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ފްރީޓްރޭޑް އެގްރިމެންޓްގެ ދެވަނަ މަޝްވަރާ ބައްދަލުވުމައް ޗައިނާގެ ބެއިޖިންއަށް ފުރާވަޑައިގަންނަވަމުން ދެއްވި އިންޓަވިއުއެއްގައެވެ. މިނިސްޓަރ ސައީދު ވިދާޅުވީ ފަސްދުވަހުގެ މި ދަތުރުފުޅުގައި ފްރީޓްރޭޑް އެގްރިމެންޓަކަށް ދިއުމަށް ބޭނުންވާ ގިނަ މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާކަމުގައެވެ. އަދި މި މަޝްވަރާތަކަށް ފަހު ދެގައުމުންވެސް ގޮތެއް ނިންމާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޗައިނާއާއި ރާއްޖެއާއި ދެމެދު ފްރީޓްރޭޑް އެގްރިމެންޓެއް ޤާއިމްކުރެވުމުން ރާއްޖޭގެ ވިޔަފާރިތަކުން ޗައިނާ މާކެޓަށް އެކްސްޕޯޓްކުރާ އެކިބާވަތްތައް އެކްސްޕޯޓް ކުރުމުގައި ލުއިގޮތްތަކެއް ލިބިގެންދާނެކަމަށާއި އަދި ޚާއްސަކޮށް ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތައް އެކްސްޕޯޓްކޮށް މާކެޓް ހޯދުމުގައި ފަސޭހަތަކެއް ވެގެންދާނެކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމުކުރާ ފްރީޓްރޭޑް އެގްރިމެންޓްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ރާއްޖޭގައެވެ.