ޢުމުރުން 5 އަހަރާއި 11 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ ކުދިންނަށް ފައިޒަރ ވެކްސިން ދޭން ފަށައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ އެ ޢުމުރުފުރާގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް މާލޭގެ ވެކްސިން ސެންޓަރުތަކާއި، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި، ހެލްތު ސެންޓަރުތަކުގައި ފައިޒަރ ވެކްސިން ލިބެން ހުންނާނެކަމަށެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ޢުމުރުން 5 އަހަރާއި 11 އަހަރުގެ ކުދިންނަށް ދޭ ވެކްސިން ރާއްޖެއަށް ލިބި އެވެކްސިން ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންއިން ލަފާދެއްވާފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން މިއަދުން ފެށިގެން މިވެކްސިން 5 އަހަރުން މަތީގެ ކޮންމެކުއްޖަކަށްވެސް ދެވޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
* އައިޖީއެމްއެޗް: ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 8.000 އިން 10:00 އަށް
* ހުޅުމާލެ ހޮސްޕިޓަލް: އާދިއްތަ، ހެނދުނު 10:00 އިން 12:00 އަށް، ބުދަ ދުވަހުގެ ރޭގަނޑު 21:00 އިން 22:00 އަށް
* ދަމަނަވެށި: އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އިން 13:30 އަށް އަދި އާދިއްތަ ދުވަހުގެ ރޭގަނޑު 21:00 އިން 22:00އަށް އަންގާރަ ދުވަހުގެ ރޭގަނޑު 21:00އިން 22:00 އަށް
ފައިޒަރ ވެކްސިންގ ޖެހުމުގެ ހުއްދަ ރާއްޖޭގައި ޢުމުރުން 5 އަހަރާއި 11 އަހަރާއި ދެމެދުގެ ޢުމުރު ފުރާއަށް ދީފައިވާއިރު، މިދިޔަ އަހަރުގެ އޯގަސްޓް މަހު އެމެރިކާ ސަރުކާރުންވަނީ ރާއްޖެއަށް 99000 އަށްވުރެ ގިނަ ވެކްސިން ޑޯޒް ހަދިޔާކޮށްފައެވެ. މީގެތެރޭގައި މޮޑާނާގެ އިތުރުން ފައިޒަރ ވެކްސިންވެސް ހިމެނެއެވެ.
ރާއްޖޭގައި ކޯވިޑާއި ދެކޮޅަށް ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ފުރަތަމަ ޑޯޒް 3،99،315 މީހުންވަނީ ފުރިހަމަކޮށްފައެވެ. އަދި ދެވަނަ ޑޯޒް 3،85،147 މީހުން ޖަހާފައިވާއިރު، ބޫސްޓަރ ޑޯޒްގެ ފުރަތަމަ ޑޯޒް 16،766 މީހުންވަނީ ޖަހާފައެވެ. އަދި ބޫސްޓަރގެ ދެވަނަ ޑޯޒް 1،543 މީހުންވަނީ މިހާތަނަށް ޖަހާފައެވެ.