ޚަބަރު

އައްޑޫން ޤަވާއިދާ ޚިލާފަށް ވެއްޔާއި އަކިރި ނަގާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު


އައްޑޫ ސިޓީ މީދޫއިން ޤަވާއިދާ ޚިލާފަށް ވެއްޔާއި އަކިރި ފަރާއްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އައްޑޫ ސިޓީ ކައުންސިލުން ދެއްވައިފިއެވެ. އައްޑޫ ކައުންސިލުން ވިދާޅުވީ ޤަވާޢިދާ ޚިލާފައް އެކި ބޭނުންތަކަށް މީދޫގެ ގޮނޑުދޮށުން ވެއްޔާއި، އަކިރި ނަގަމުންދާ ކަމުގެ މަޢުލޫމާތު އެ އިދާރާއައް ލިބެމުންދާކަމަށެވެ.

ޤަވާއިދާ ޚިލާފަށް އައްޑޫ މީދޫ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާ މައްސަލައާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރުއްވި ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ޤުދުރަތީ ވެށްޓާއި، ޤުދުރަތީ ވަޞީލަތްތަކާއި، ރީތިކަން މިހާރުގެ ޖީލުތަކަށާއި، އަންނަން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކައުތެރިކޮށް ދެމެހެއްޓުމާއި، ރަށްގިރުމާއި ރަށުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ރަށް ހިމާޔަތް ކުރުމަކީ ފަރުދީ ޒިންމާއެއްކަން ހަނދާންކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ތިމާވެށި ޙިމާޔަތްކުރުމާބެހޭ ޤަވާޢިދުގެ ދަށުން، ވެއްޔާއި އަކިރި ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ޢާންމުކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނަކުން ވެއްޔާއި އަކިރި ނެގުމަކީ މަނާކަމެއް ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ހަނދާންކޮށްދީފައިވެއެވެ.

މީދުއަކީ މިހާރުވެސް ރަށްގިރުމުގެ މައްސަލަ ބޮޑުވެ، ގޮނޑުދޮށް ޙީމާޔަތްކުރުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި، ޖައިކާ ގުޅިގެން ސާރވޭތަކެއް ކުރައްވަމުން އަންނަ ރަށެއްކަން އައްޑޫ ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ.

އެ ކައުންސިލުން ވިދާޅުވި ގޮނޑުދޮށުން ވެއްޔާއި އަކިރިނަގައި، ވިޔަފާރި ކުރަމުންދާކަމުގެ މަޢުލޫމާތުވެސް އެ ކައުންސިލައް ލިބިފައިވާކަމަށެވެ. މިކަން ހުއްޓުމުވުމަށްޓަކައި ހުޅުމީދޫ ޕޮލިސް އާއި، މީދޫ އަވަށު އޮފީހުގެ މުނިސިޕަލް އިންސްޕެކްޓަރުން ޙަރަކާތްތެރިވަމުން ދާނެކަމަށްވެސް އެ ކައުންސިލުން ވިދާޅުވިއެވެ.

ޤަވާޢިދާ ޚިލާފަށް ވެއްޔާއި އަކިރި ނަގާ ފަރާތްތަކާއި، އެތަކެތި ގަންނަ ފަރާތްތަކާމެދު ތިމާވެށި ޙިމާޔަތް ކުރުމާބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިއެވެ. އަދި އެއްވެސް ފަރާތަކުން ޤަވާއިދާ ޚިލާފަށް ގޮޑުދޮށުން ވެލި ނުނެގުމަށާއި، ޤަވާޢިދާ ޚިލާފަށް ނަގާވެލި ނުގަތުމަށް ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރަށްރަށުގެ ގޮނޑުދޮއްތަކުންނާއި ފަޅުން، ގަލާއި، ވެލި ނެގުމަކީ، ރަށްރަށުގެ ހިމާޔަތުގައި އޮންނަ ހޭޅިފަށް ގިރައިގެން ގޮސް، ރައްގިރުމުގެ މައްސަލަތަކާއި ތިމާވެށީގެ އެހެނިހެން ބޮޑެތި މައްސަލަތައް ކުރިމަތިވާނެކަމެއްކަން ތިމާވެށީގެ މާހިރުން ފާހަގަކުރައްވައެވެ. އީޕީޢޭއިން މީގެ ކުރިންވެސް ވިދާޅުވެފައި ވަނީ އެފަދަ ނޭދެވޭ ޢަމަލުތަކުގެ ސަބަބުން ދިމާވާ ރަށްގިރުމުގެ މައްސަލަ ޙައްލު ކުރުމަކީ ޚަރަދު ބޮޑު އަދި އެހާމެ އުނދަގޫ މަސައްކަތެއްކަމަށެވެ.

ރާއްޖޭގެ ރައްތަކުން އާންމުން ވެލި ނެގުން ހުއްޓާލައި މިހާރު އެކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކާއެވެ. ކައުންސިލްތަކުން އެކަންކަން ބެލެހެއްޓުމުގައި އީޕީއޭގެ ހުއްދަ ލިބި ކަނޑައެޅިފައިވާ ސަރަހައްދުތަކުން އާންމުންނަށް ޒަރޫރީ ބޭނުންތަކަށް ވެލި ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނު ބުނާގޮތުން ރަށުގެ ވަކި އިމެއްގެ ތެރެއިން ވެއްޔާ އަކިރި ނެގުމަކީ މަނާކަމެކެވެ. އަދި މިއީ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކަނޑައަޅޭ ކަމެކެވެ. މީގެކުރިންވެސް މިގޮތަށް ޤަވާއިދާ ޚިލާފަށް ވެލި ނެގުމުގެ މައްސަލަތަކުގައި ކައުންސިލްތައް ޖޫރިމަނާކޮށްފައިވެއެވެ.