ޚަބަރު

އެއްމިލިއަން ޑޮލަރުގެ ޗެކެއް އަދީބާއި ހަވާލުކުރިން- ޒިޔަތު


މާލެއަތޮޅުން ފަޅެއް 50 އަހަރަށް އަމިއްލަ ކުންފުންޏަކަށް ކުއްޔަށް ދިނުމަށްފަހު ލިބުނު އެއްމިލިއަން ޑޮލަރުގެ ޗެކެއް ޙަވާލްކުރެއްވީ ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބާކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ވިދާޅުވެއްޖެއެވެ.

ދައުލަތުން އެނާއާ ދެކޮޅަށް އުފުއްލަވާފައިވާ ޚިޔާނާތުގެ ދަޢުވާގެ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޒިޔަތު ވިދާޅުވީ އެބޮނީ ޕްރައިވެޓް ލިމިޓެޑުން ދިން ފައިސާ އަޙުމަދު އަދީބާ ޙަވާލްކުރެއްވީ އެ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އަންގަވާފައި އޮތުމުންކަމަށެވެ. އަދި އެމްއެމްޕީއާރްސީއަށް ލިބޭ ފައިސާ މިރާއަށް ވެއްދުމަށްފަހު ރަސީދުތައް ޙަވާލްކުރައްވާނެކަން ޓޫރިޒަމް މިނިސްޓްރީން އަންގަވާފައި އޮތްނަމަވެސް އެބޮނީ ޕްރައިވެޓް ލިމިޓެޑުން ލިބުނު ފައިސާ ޙަވާލުވިކަމުގެ އެއްވެސް ރަސީދެއް އަޙުމަދު އަދީބް ދެއްވާފައި ނުވާކަމަށް ޒިޔަތު ވިދާޅުވިއެވެ.

ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ޒިޔަތު ވިދާޅުވީ ފަތުރުވެރިކަމުގެ އެކި ކަންކަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބޭ ފައިސާއާއި އެނާވެސް ހަވާލުވެވަޑައިގަންނަވާކަމަށެވެ.

މި މައްސަލާގައި ދައުލަތުން މިއަދު ޒިޔަތާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށައަޅުއްވާފައިވެއެވެ. އޭގެތެރޭގައި އެ މައްސަލަ ބެއލެވުމަށްފަހު ފުލުހުން އެކުލަވާލެއްވި ރިޕޯޓާއި އެމްއެމްޕީއާރުސީގެ ބޭންކު އެކައުންޓްގެ މުޢާމަލާތުތައް ހިންގާފައިވާ ގޮތުގައި ތަފްޞީލްތައްވެސް ހިމެނެއެވެ. މީގެއިތުރުން އެބޮނީ ޕްރައިވެޓް ލިމިޓެޑުން ދެއްކި އެއްމިލިއަން ޑޮލަރުގެ ޗެކް އެސްއޯއެފްގެ އެކައުންޓަށް ވައްދާފައިވާކަން ސާބިތުކޮށްދެއްވުމަށް އެ ކުންފުނީގެ ބޭންކް ސްޓޭޓްމެންޓްވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށައަޅުއްވާފައިވެއެވެ.

ޒިޔަތުގެ ފަރާތުން އެނާގެ ދިފާޢުގައި ހުށައަޅަފައިވަނީ އެމްއެމްޕީއާރްސީގެ މުވައްޒަފެކެވެ. ހެކީގެ ގޮތުގައި ހުށައެޅި މި މުވައްޒަފަކީ އެއްމިލިޔަން ޑޮލަރުގެ ޗެކް އަދީބާ ޙަވާލުކުރިއިރު އެތަނުގައި ހުރި، އެ މަންޒަރުދުށް މީހެއްކަމަށް ޒިޔަތު ވިދާޅުވެއެވެ.