ޚަބަރު

ހޯރަފުށީ ބިއްލޫރިފުޅީގައި ފެން ބަންދުކުރާ ޕްލާޓުން ޖޫންމަހު ޚިދުމަތް ފަށާނެ


ހޯރަފުށީގައި އަޅާ ބިއްލޫރިފުޅީގައި ފެން ބަންދުކުރަ ޕްލާންޓަކީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އެޗް.އައި.ސީ.ޑީ.ޕީ ސްކީމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމުކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްފައިވަނީ 2020 އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މި ޕްލާންޓަކީ އަތޮޅުތަކުގައި އަޅާ މިފަދަ ފުރަތަމަ ކާރުޚާނާއެވެ. އަދި މިއީ ހޯރަފުށީ ކައުންސިލުގެ ޙިއްސާ އޮންނަގޮތަށް، ޖޮއިންޓް ވެންޗަރ އުޞޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ފެނަކަ ކޯރޕަރޭޝަނާއި ޙަވާލުކޮށްގެންނެވެ. ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ކޯރޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، ޕްރޮޖެކްޓުގެ ބޮޑެތި މަސައްކަތްތައް ނިމިފައިވާކަމަށެވެ. އެގޮތުން މި ޕްލާންޓަށް ބޭނުންވާ ޢިމާރާތް ނިމި، ފެން ބަންދުކުރާ މެޝިންތައް އިންސްޓޯލްކުރުން ނިމިފައިވާކަމަށް ސަޢީދު ވިދާޅުވިއެވެ.

"2-3މަސްތެރޭ ހޯރަފުށީ ޕްލާންޓުގައި އުފައްދާ ފެން ބާޒާރަށް ނެރެވޭނެ. މިއީ މި ދާއިރާއިން އިންގިލާބީ ޕްރޮޖެކްޓެއް. މުޅި މަޝްރޫޢުގެ %90 ނިމިއްޖެ" ސަޢީދު ވިދާޅުވިއެވެ.

މި ޕްލާންޓުން 1000 މިލިލީޓަރު އަދި 18 ލީޓަރުގެ ބޮޑު ފުޅީގައިވެސް ފެން ބަންދުކުރާނެއެވެ.

ފެން އުފެއްދުމަށް ބޭނުންވާ އެހެނިހެން ސާމާނާއި، ރޯ މެޓީރިއަލް އަންނަ މޭމަހުގެ ނިޔަލަށް ލިބޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ. އަދި މުޅި ޕްލާންޓް އޮޕަރޭޝަނަށް ގެނެސް، ޖޫން މަސް ނިމެންވާއިރަށް ޕްލާންޓުގައި ފެން ބަންދުކުރަން ފަށާނެކަމަށާއި، މުޅި ޚިދުމަތް އޮޕަރޭޝަނަށް ގެނެސް ޑިސްޓްރިބިއުޝަން ވެސް ފަށާނެކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

ސަޢީދު ވިދާޅުވީ މި ޕްރޮޖެކްޓް ވެގެންދާނީ، ބަންދުކުރި ފެން ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ ޖެހުމަށް ލުޔެއް ގެންނާނެ މަސައްކަތަކަށްކަމަށެވެ.

"ހޯރަފުށީ ޕްލާންޓްގައި އެބަ ހަދާ ސަރަޙައްދުގެ އެންމެ ޒަމާނީ، ފެން ތަޙުލީލުކުރާ ލެބޯޓްރީ. މިއީ ކުރިން ޕްލޭންކުރިވަރަށްވުރެ ބޮޑުކޮށް ގެންދާ މަސައްކަތެއް. ވިސްނުމަކީ މުޅި ރާއްޖެއަށް އެ ޕްލާންޓުން އުފައްދާ ފެން ވާސިލްކޮށްދިނުން." ސަޢީދު ވިދާޅުވިއެވެ.

މި ޕްލާންޓުން ދުވާލެއްގެ މައްޗަށް 10،000 އާއި 12،000 އާ ދެމެދުގެ ޢަދަދަކަށް ބިއްލޫރި ފުޅީގައި ފެން ބަންދުކުރެވޭނެ ކަމަށް ފެނަކައިން މަޢުލޫމާތުދެއްވައެވެ. އަދި އެރަށުގެ ކޮންމެ ގޭބިސީއަކަށް ފެން ފޯރުކޮށްދިނުމުގެ ގޮތުން ޑިސްޕެންސަރ ޙަވާލުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެކަމަށް އެކޯރޕަރޭޝަނުން ވިދާޅުވެއެވެ.

މި ޕްރޮޖެކްޓާއެކު އުތުރުގެ ރަށްތަކާއި، ރިސޯޓްތަކަށް ފަސޭހައިން ފެން ފޯރުކޮށްދިނުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި މިއީ ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިވެ، ރަށުގެ އިޤްތިޞާދީ ޙާލަތުވެސް ރަނގަޅުވެގެން އަންނާނެ މުހިއްމު ޕްރޮޖެކްޓެއްގެ ގޮތުގައި ހޯރަފުށީ ކައުންސިލުން ދެކެއެވެ.

މި މަޝްރޫޢަކީ ހޯރަފުށްޓަކީ ތިމާވެއްޓާ ރައްޓެހި ރަށަކަށް ހެދުމަށް ކުރާ މަސައްކަތުގައި، ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އުތުރުގެ ރަށްތަކުގެ ތެރެއިން ހޯރަފުށްޓަކީ މިވަގުތު އެންމެ ގިނަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ އެއް ރަށެވެ.