ޚަބަރު

ކޯވިޑް ޖެހިގެން 38 މީހުންނަށް ހޮސްޕިޓަލްގައި ގެންދަވަނީ ފަރުވާދެއްވަމުން


ކޯވިޑް ޖެހިގެން އެޑްމިޓްކޮށް ފަރުވާދެއްވާ މީހުންގެ ތެރޭގައި ތުއްތުކުދިންނާ އެކި ޢުމުރުގެ މީހުން މިވަގުތުވެސް ހިމެނޭކަމަށް އެޗްޕީއޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ. ވޭތުވެދިޔަ މަހެއްހާ ދުވަހު ރާއްޖޭގައި ކޯވިޑްގެ ނަންބަރުތައް ވަނީ މައްޗަށް ގޮސްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު މިނިމުނު އޭޕްރިލް މަހުގެ ފަހު ހަފްތާގައި ކޯވިޑް-19ގެ 194 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 105މީހުންނާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 42 މީހުންނާއި އަދި ސިނާޢީ މަސައްކަތްކުރާ ރަށްރަށާއި ރިސޯޓުތަކުން ޕޮޒިޓިވްވި 47 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 186435 އަށް އަރާފައެވެ.

ވޭތުވެ ދިޔަ ދެހަފްތާއަކީ މިދިޔަ އަހަރުގެ ޖުލައިގެ ފަހުން ކޯވިޑް ކޭސްތައް ރާއްޖޭގައި އެންމެ މައްޗަށް ދިޔަ ދުވަސްވަރެވެ. ކޯވިޑްގެ ކޭސްތައް ރާއްޖޭގައި އަނެއްކާވެސް މައްޗަށްދާން ފެށުމުން ޑޮކްޓަރުންނާއި ޞިއްޙީ ދާއިރާގެ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މިވަގުތުވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 38 މީހަކަށް އަންނަނީ ފަރުވާދެއްވަމުންނެވެ. އެޗްޕީއޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، އެޑްމިޓްކުރާ އެންމެންނަކީ ހާލު ސީރިއަސް މީހުން ނޫން ނަމަވެސް، މީގެތެރޭގައި މާބަނޑު މީހުންނާއި ތުއްތު ކުދިންވެސް ހިމެނޭކަމަށެވެ. މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ތުއްތުކުދިންނަކީ ކޯވިޑްގެ ހައިރިސްކް މީހުންނެވެ.

ކޯވިޑް ފެތުރޭ މިންވަރު އިތުރުވަމުންދާވަރަކަށް އިތުރު ވޭރިއަންޓްތައް އައުމުގެ ފުރުޞަތު އެބައޮތްކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ. އަދި މިހާރު ރާއްޖޭގައި ފެތުރެމުންދަނީ ކޯވިޑްގެ ކޮން ވޭރިއެންޓެއްކަން ދެނެގަތުމަށްޓަކައި ސާމްޕަލް ނަންގަވައި ޓެސްޓްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް ޖެހިގެން މިދިޔަ އޭޕްރިލް މަހު 2 މީހުން ނިޔާވެފައިވެއެވެ.

ކޯވިޑްގެ އަދަދުތައް މައްޗަށް ގޮސްފައި މިވަނީ ސްކޫލް މިޑް ޗުއްޓީ ބަންދާއި ޢީދާ ދިމާކޮށެވެ. މިގޮތަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުން އިތުރުވާ ދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރެއްވުމަށް ޞިއްޙީ މާހިރުން ގެންދަވަނީ ލަފާދެއްވަމުންނެވެ.