ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސްއިން ކުރިއަށްގެންދާ "އެކްސްޕީރިއެންސް މޯލްޑިވްސް" ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ މި ކެމްޕޭނާއެކު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވިގެންދަނީ އެމެރިކަން އެކްސްޕްރެސްގެ 100 މިލިއަން ކަސްޓަމަރުންނަށް ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ތަޢާރަފްކޮށްފައިވާ "އެކްސްޕީރިއެންސް މޯލްޑިވްސް" ކެމްޕޭން އިފްތިތާޙްކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ކެމްޕެއިން އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ކޯވިޑް19އިން އަރައިގަތުމުގައި ސަރުކާރުން ކުރެއްވި މަސައްކަތުގައި ބީއެމްއެލްގެ ޙިއްޞާ ބޮޑުކަމަށެވެ. އަދި މިދުވަސްވަރާ ދިމާކޮށް ބީއެމްއެލްއާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ތަޢާރަފްކޮށްފައިވާ "އެކްސްޕީރިއެންސް މޯލްޑިވްސް" ކެމްޕޭނަކީ ރާއްޖޭގެ ފަތުރުވެރިކަން އެމެރިކަން އެކްސްޕްރެސްގެ ކަސްޓަމަރުގެ މެދުގައި ޕްރޮމޯޓުކޮށް ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކެމްޕޭނެއްކަމުގައި ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ރާއްޖެއަކީ ފަތުރުވެރިކަމުގައި ދުނިޔޭގައި ނަން މަޝްހޫރު އަދި ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ސިފަކުރައްވައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ރާއްޖެއިން އަދާކުރާ ފުރިހަމަ މެހުމާންދާރީކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު އެއް މަންޒިލަކަށް ވެގެންދިއުމުގެ މައިގަނޑު އެއް ސަބަބަކީވެސް ފަތުރުވެރިންނާމެދު ބަހައްޓާ ގާތް ރަޙްމަތްތެރިކަމާ އަދާކުރާ މެހުމާންދާރީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ ނިޞްބަތަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ބައިލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމާ އަދި އެއީ ރިކޯޑް ޢަދަދެއްކަން ފާހަގަކުރައްވާފައެވެ. ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައި އަޅާބަލާއިރު އެއީ 12.6 އިން ސައްތައިގެ ކުރިއެރުމެކެވެ.
"އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕޭނަކީ ރާއްޖެ ދުނިޔޭގެ ޗާޓުގައި އެތައް ހާސްބައެއްގެ ކުރިމއައްޗަށް ގެނެސްދޭ ތަފާތު ކެމްޕޭނެއް.އަޅުގަނޑަށް ހަމަ ޔަގީން ބީއެމްއެލްއާއި އެމެރިކަން އެކްސްޕްރެސްގެ ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާވެގެންދާނެކަމަށް." ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
މިކެމްޕޭނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑިރެކްޓަރ އެންޑް ހެޑް އޮފް ގްލޯބަލް ނެޓްވޯކް ސަރވިސަސް ފޯރ އެމެރިކަން އެކްސްޕްރެސް ސައުތް އޭޝިއާ ކުރުޝް ދަސްތޫރް ވިދާޅުވީ މިކެމްޕޭނާއެކު ރާއްޖޭގ ފަތުރުވެރިކަމަށް ހެޔޮ ބަދަލެއް އަންނާނެކަމަށެވެ. އަދި އެމެރިކަން އެކްސްޕްރެސްގެ ކަސްޓަމަރުންނަށް ހުޅުވާލާ މިފުރުޞަތުގައި ބައިވެރިވާ ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މި ކެމްޕޭނަކީ ވަރަށް ކާމިޔާބު ކެމްޕޭނެއް. މިކެމްޕޭނުގައި 40 ރިސޯޓައި ބަޖެޓް ހޮޓެލްތައް މީގައި އެބަ ބައިވެރިވޭ. މިކެމްޕޭންގެ ނަތީޖާތައް ވަރަށްވެސް ފުރިހަމަ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކުން ކުރާ ހޭދަ %25 ވަނީ އިތުރުވެފައި. ޢާއްމުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންނާއ އަޅާ ބަލާއިރު، ޓްރާންޒެކްޝަންގެ ސައިޒް، އެއީ ވަކިވަކި ޓްރާންޒެކްޝަންގެ އަގުވަނީ ތިން ގުނަ އިތުރުވެފައި އެމެރިަން އެކްސްޕްރެސްގެ ކަސްޓަމަރުންގެ. އެއީ މިއަންނަ ބަދަލަކީ ބީއެމްއެލްއާއި އެމެރިކަން އެކްސްޕްރެސްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް." ކުރުޝް ވިދާޅުވިއެވެ.
"އެކްސްޕީރިއެންސް މޯލްޑިވްސް" އަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެމެރިކަން އެކްސްޕްރެސްގެ ކަސްޓަމަރުންނަށް ރާއްޖޭގެ ފަތުރުވެރިކަން އަގު ހެޔޮކޮށް ތަޖުރިބާކޮށްލުމަށް ފަހިކޮށްދޭ ފުރުޞަތެކެވެ. މިކެމްޕެއިންގައި ބައިވެރިވާ ރިސޯޓުތަކާއި، ގެސްޓް ހައުސްތަކާއި، ސަފާރީތަކުގެ މަޢުލޫމާތު އެކުންފުނީގެ ވެބްސައިޓުގައިވަނީ ހާމަކޮށްފައެވެ. މިއީ "އެކްސްޕީރިއެންސް މޯލްޑިވްސް" ކެމްޕެއިންގެ 3 ވަނަ އެޑިޝަންއެވެ. މީގެކުރިން 2019 އަދި 2017 ވަނަ އަހަރުވެސް ރާއްޖޭގައި މިކެމްޕެއިންވަނީ ކުރިއަށްގެންގޮސްފައެވެ.