ޕްރައިމަރީ ހެލްތްކެއަރ ނިޒާމް ރަސްމީގޮތުން އިފްތިތާޙްކުރެއްވުމަށް ބާއްވަވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިޞަލް ނަޞީމް ފ.ނިލަންދުއަށް ވަޑައިގެންފިއެވެ.
ނާއިބް ރައީސް ފައިޞަލް ނަޞީމް ނިލަންދުއަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަޞީމާއިއި ހެލްތް މިނިސްޓްރީގެ އިސްވެރިންނެވެ. އަދި ނިލަންދޫގެ ރައްޔިތުންގެ ގިނަ ބަޔަކު އެމަނިކުފާނަށް މަރުޙަބާ ދެންނެވިއެވެ.
ނިލަންދުއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ޕްރައިމަރީ ހެލްތްކެއަރ ޕޯޓަލް އެރަށުގައި އިފްތިތާޙްކުރެއްވުމަށް ބާއްވަވާ ޖަލްސާއާ ގުޅިގެން ޢާއްމުކޮށް ހުޅުވާލައިގެން ހަވީރެއް ބާއްވަވައިފައެވެ. މި ހަވީރުގައި އާއްމުންގެ ޞިއްޙަތު ބަލާލުމަށްޓަކައި އެކި ޓެސްޓްތައް ހެދޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސަވައިފައެވެ. އަދި ގައިންގައިން ނާރާ ބަލިތަކާ ގުޅޭ މަޢުލޫމާތުތަކާއި ބޭސް ބޭނުންކުރާއިރު ސަމާލުކަން ދޭންވީ ކަންކަން ޢާއްމުންނާ ވަނީ ޙިއްޞާކުރައްވައިފައެވެ.
ޕްރައިމަރީ ހެލްތްކެއަރ ޕޯޓަލް ރަސްމީކޮށް އިފްތިތާޙްކުރެއްވުމުގެ ޖަލްސާ އޮންނާނީ މިރޭ 8:00ގައި ނިލަންދޫ ސްކޫލްގައެވެ.
ޕްރައިމެރީ ހެލްތުކެއަރ ނިޒާމަކީ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި މަދުކުރުމަށްޓަކައި ރައީސުލްޖުމޫރިއްޔާ އިބްރާހީމް ޞާލިޙުގެ ސަރުކާރުން އިސްކަން ދެއްވައިގެން ފަށްޓަވާ ޕްރޮގްރާމެކެވެ.