ޚަބަރު

ނޭޝަނަލް ކާޑިއެކް ސެންޓަރުގެ މަސައްކަތް އޭޕްރީލްގައި ނިމޭނެ


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ހައްދަވަމުން ގެންދަވާ ނޭޝަނަލް ކާޑިއެކް ސެންޓަރުގެ މަސައްކަތް ނިމި އަންނަ އޭޕްރީލްމަހުގެ ތެރޭ ޚިދުމަތް ދެވޭ ވަރުވާނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

މިއީ އިންޑިއާގެ ހޮސްޕިޓަލަކާ ގުޅިވަޑައިގެން އައިޖީއެމްއެޗުން ހިންގަވާ ޕްރޮޖެކްޓެކެވެ.

ނޭޝަނަލް ކާޑިއެކްސެންޓަރ ހެދުމަށްޓަކައި އައިޖީއެމްއެޗްގައި ކުރީގެ ގައިނީ ވޯޑް ހުރި ސަރަހައްދު، މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއްވައެވެ. މިތަން ހައްދަވާފައިވަނީ 4.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކުރައްވައިގެންނެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ މި ޕްރޮޖެކްޓް ހިންގަވަނީ އިންޑިއާގެ މެޓްރިނާ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އައިޖީއެމްއެޗްގެ ކަމާގުޅޭ ޑޮކްޓަރުންނާއި ނަރުހުން އެ ހޮސްޕިޓަލުގައި ތަމްރީން ކުރެވިގެންދާނެ ކަމަށް ފަރުހަތު ވިދާޅުވިއެވެ.

ފަރުހަތު ވިދާޅުވީ މި ކެތްލެބަށް ބޭނުންވާ މެޝިނަރީޒްތައް މިހާރު ޝިޕް ކުރެވި ރާއްޖެ އައުމުގެ މަގުމަތީގައިވާ ކަމަށެވެ. ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ޤާއިމްކުރައްވާ މި ކެތްލެބްގެ ޚިދުމަތްތައް ދެއްވާނީ ދެ ފިޔަވައްސަކަށް ބައްސަވާލައްވައިގެންނެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިތުގެ ނާރުތަކަށް ދިމާވާ މައްސަލަތަކަށް ރާއްޖޭގައި ފަރުވާ ދޭން ފައްޓަވާނެއެވެ. މީގެ ކުރިން މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ ބަލިމީހުން ފޮނުވާލަން ޖެހެނީ ރާއްޖެއިން ބޭރަށް ކަމަށް އައިޖީއެމްއެޗުން ހާމަކުރެއްވިއެވެ.



ކެތްލެބްގެ ދެވަނަ ފިޔަވަހީގައި ހިތުގެ ޚާއްސަ އޮޕަރޭޝަންތައް ކުރަން ވަކި ތިއޭޓަރެއް ޤާއިމް ކުރެވި އޮޕަރޭޝަންތައް ކުރަން ފެށިގެން ދާނެ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއްވައެވެ.