48 އަހަރުގެ ނަޖްވާ އަބޫ ޢާއިޝާ މިހާރު އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. ވަށައިގެން ތިބީ ޢާއިލާގެ މެންބަރުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފައި ވަނީ މޭ މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާގެ ޓެރެރިސްޓު ސިފައިން ވަނީ ޣައްޒާގައި ހުންނަ އޭނާގެ ގޭގެ ކައިރިއަށް ނުރައްކާތެރި ބޮމުގެ ޙަމަލާއެއް ދީފައެވެ.
އެ ހިތާމަވެރި ހާދިސާގައި ނަޖްވާގެ ހަށުގަނޑުން ވަނީ ވާގިނެތިފައެވެ. އޭނާއަށް މިހާރު ހިނގައިބިނގައި ނޫޅެވެއެވެ. މުޅި ހަށިގަނޑުން ވަނީ ބާރު ކެނޑިފައެވެ. އޭނާ ވަނީ އެނދުމަތިވެފައެވެ. އެ ބިރުވެރި އަދި އަނދިރި ދުވަހު އޭނާގެ ހަށިގަނޑު ވާގިނެތުނީ، ޣައްޒާގައި އޭނާ ދިރިއުޅޭ ގެއާ އިންވެގެން އޮންނަ ދަނޑަކަށް ޔަހޫދީ އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓަކުން ބޮން އެޅި ވަގުތު، ޢިމާރާތުގެ ދެވަނަ ފަންގިފިލާ މަތިން ވެއްޓުމުގެ ސަބަބުންނެވެ.
"އަޅުގަނޑުގެ 14 އަހަރުގެ ދަރިފުޅާ އެކު އަޅުގަނޑު އެ ދުވަހު ޓެރަހަށް އެރީ ފެން އަޅާފައި ހުރި ޓޭންކުގައި މައްސަލައެއް އުޅޭތީ އެ ކަން ބަލަން. އަޅުގަނޑު ދިރިއުޅޭ ގެއާ ޖެހިގެން އޮންނަ ދަނޑަށް ބޮން އަޅާފައި ވަނީ ޓެރެސްގެ ފާރުބުރި ކައިރީގައި އަޅުގަނޑު ހުއްޓައި. ފުރާޅުމަތިން ވެއްޓޭ ހަނދާންވޭ. އެއަށްފަހު ހެޔަށް އަސަރު ކުރި. ހޭ އެރިއިރު އަޅުގަނޑު އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި،" ނަޖްވާ ކިޔައިދިނެވެ.
ނަޖްވާ ވެއްޓުނު މަންޒަރު އެންމެ ގާތުން ފެނިފައި ވަނީ އޭނާގެ 14 އަހަރުގެ ފިރިހެން ދަރިފުޅަށެވެ. އެ މަންޒަރު ފެނި، އޭނާއަށް ވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފައެވެ. އެ ދުވަހުގެ ހިތާމަވެރި ހާދިސާއަށް ފަހު އޭނާ ވަނީ ވާހަކަ ދެއްކުމުން މަހުރޫމްވެފައެވެ. އޭނާގެ ހިތަށް ލިބުނު ބިރުވެރިކަމާ އެކު އޭނާއަށް ތަނެއްގައި އިށީނދެގެން ގިނައިރު ނީނދެވެއެވެ. ހާސް ބޮޑުވެއެވެ. އަދި، މީހަކާ ވާހަކަ ދައްކަން ނުކެރެއެވެ.
ޢިމާރާތުގެ ޓެރަހުން ނަޖްވާ ވެއްޓުނީ ޖެހިގެން ހުންނަ ޢިމާރާތުގެ ގޯތިތެރެއަށެވެ. ވެއްޓުމުގައި އޭނާގެ މައިބަދައިގެ ކަށިތައް ވަނީ ބިނދިފައެވެ. ޕެލްވިސް އަދި ރިބް ކޭޖްގެ ކަށިތައް ވެސް ވަނީ ފުނޑުފުނޑުވެފައެވެ. އެ ހާދިސާއަށް ފަހު ނަޖުވާއަށް ވެސް ވަނީ ނަފްސާނީ ގޮތުން އަސަރުތަކެއް ކޮށްފައެވެ. ދެން ހިނގައިބިނގައި ނޫޅެވޭނެ ކަން އިހުސާސް ކުރެވޭތީއެވެ. އެހެން މީހުންގެ އެހީތެރިކަމަށް ބަރޯސާވާން ޖެހިފައިވާތީއެވެ. އޭނާގެ އުނަގަނޑުން ތިރިއަށް މިހާރު އިހުސާސް ނުކުރެވޭ ކަމުގައި އޭނާއަށް ފަރުވާދިން ޑޮކްޓަރުން ބުނެއެވެ.
"އަހަރެންގެ މުޅި ދިރިއުޅުމާއި މުޅި ހަޔާތް ބަދަލުކޮށްލީ ޔަހޫދީ އިސްރާޢީލުން ދިން ބޮމުގެ ޙަމަލާއެއްގައި. ޝަކުވާ ކުރާކަށް ނެތިން. ނަމަވެސް، އަހަރެންގެ ހަށިގަނޑުގައި ވަރަށް ބޮޑަށް ވޭން އަޅާ. ހަށިގަނޑުގެ ތިރީގައި އެއްވެސް ހަރަކާތެއް ނެތް. މިއަދު އަޅުގަނޑަކީ ނުކުޅެދޭ މީހެއް. ނަމަވެސް، އަޅުގަނޑަކީ މުސްލިމެއް. އަދި އަންހެނެއް. އަޅުގަނޑު މި ހާލަތަށް ވެސް ކެތްކުރާނަން،" ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ނަޖްވާ ބުންޏެވެ.
ނަޖްވާއަކީ ފަސް ކުދިންގެ މައެކެވެ. އޭނާގެ އެންމެ ހަގު ކުއްޖާގެ އުމުރަކީ ހަތް އަހަރެވެ. ނަޖްވާގެ ފިރިމީހާ، 50 އަހަރުގެ މާޒިން އަބޫ ޢާއިޝާއަކީ ވެސް ނުކުޅެދޭ މީހެކެވެ. އެހެންކަމުން، އާމްދަނީ ހޯދަން މަސައްކަތް ކުރުމަކީ އޭނާއަށް ކުޅަދާނަ ކަމެއް ނޫނެވެ. ދިރިއުޅުމަށް ބޭނުންވާ ޚަރަދުތައް ހަމަޖައްސަނީ ނަޖްވާގެ މަސައްކަތުން ހޯދާ އާމްދަނީންނެވެ. ޣައްޒާގައި ހުންނަ ކުޑަކުދިންގެ ޕްރީސްކޫލެއްގައި ނަޖްވާ އަދާކުރަނީ ސާފުކުރާ މީހެއްގެ ވަޒީފާއެވެ.
"އަޅުގަނޑުމެންގެ ޢާއިލާގައި ހުރި އެންމެ މުރާލި މެންބަރަކީ ނަޖްވާ. އެންމެ ބުރަކޮށް މަސައްކަތް ކުރާނީ އޭނާ. އޭނާގެ ޢާއިލާގެ ހުރިހާ މެންބަރުން ބަލަހައްޓާނީ އޭނާގެ ބުރަ މަސައްކަތުން. ނަޖްވާއަކީ އޭނާގެ ފިރިމީހާއާއި ދަރިން ދެކެ އިންތިހާއަށް ލޯބިވާ މީހެއް. މީގެ ކުރިން އަޅުގަނޑުމެން އެކުގައި ކައިބޮއެ އުޅުނިން. އެކުގައި ބޭރަށް ގޮސް އުޅުނިން. ނަމަވެސް، އެ ފަދަ އުފާވެރި ދުވަހެއް ދެން ނާންނާނެ،" ނަޖްވާގެ ދައްތަ ޢުންމު ޢީސާ ބުންޏެވެ.
"އަޅުގަނޑަށް އިހުސާސް ކުރެވެނީ ބިރުވެރި ހުވަފެނެއްގެ ތެރޭގައި އުޅެވޭހެން. އަޅުގަނޑުގެ ހިތަށް ތަދުވާ ވަރު ބުނެދޭން ވެސް ނޭނގޭ. އަޅުގަނޑުގެ ހުރިހާ ކަމަކާއި، ދަރިންގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ ނަޖްވާ. އަޅުގަނޑަށް ކޮށްދެވޭނީ ކޮން ކަމެއް ބާއޭ ސުވާލު ކުރެވޭ. ނަޖްވާ ކުރީ ކޮން ކުށެއްތޯ އަޅުގަނޑު ސުވާލު ކުރަން ބޭނުން،" މާޒިން ބުންޏެވެ.
ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާގެ ޓެރެރިސްޓުން މެދުކެނޑިމެއް ނެތި ޣައްޒާއަށް ދިން ވަރުގަދަ ޙަމަލާތަކާއި ހިންގަމުންދިޔަ ލާއިންސާނީ އުދުވާންތަކުގައި ފަލަސްޠީނުގެ 33 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ކުށެއް ނެތް ޢާންމުންނާއި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. އަދި، 147 މީހުން ވަނީ ޒަޚަމުކޮށްލާފައެވެ. ނަޖްވާ ފަދަ އެތަކެއް ބަޔެއްގެ ދިރިއުޅުން ވަނީ ބަރުބާދު ކޮށްލާފައެވެ.
ޔަހޫދީ އިސްރާޢީލުގެ އަޅުވެތިކަމުގެ ދަށުގައި ޣައްޒާ އޮންނަތާ މި އަހަރު 15 އަހަރު ފުރުނީއެވެ. އަޅުވެތިކަމުގައި ޣައްޒާގައި ދިރިއުޅޭ މުސްލިމުން ވަނީ ނިކަމެތިވެފައެވެ. ފުރިހަމަ ޞިއްޙީ ފަރުވާ ނުލިބި ބަލިކަށިވެފައެވެ. އެއްވެސް މިނިވަން ކަމެއް ނެތެވެ. ނަޖްވާގެ ހާލަތު ބަދަލުކުރަން ޣައްޒާގައި އިތުރު ފަރުވާއެއް ދެވޭނެ މަގެއް ވެސް ނެތެވެ. މާޒިންގެ އެދުމަކީ އޭނާގެ އަންހެނުންނާއި އޭނާގެ ޢާއިލާއަށް އަދި ޣައްޒާގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދާ ހުރިހާ މުސްލިމުންނަށް ހެޔޮ ގޮތްތަކެއް މިންވަރުކޮށްދެއްވުން އެދި ދުޢާކޮށްދިނުމެވެ.
މި އަހަރުގެ މިހާތަނަށް ޔަހޫދީ ސިފައިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްޠީނުގެ 156 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 26 ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، ގިނަ ޢަދަދެއްގެ ޢާންމުންނާއި އަންހެނުން ވެސް ހިމެނެއެވެ. މުސްކުޅިންގެ ފުރާނައަށް ވެސް ފަރުވާލެއް ނުބަހައްޓައެވެ. ހުސްވި މޭ މަހުގެ 9 އިން 13 އަށް ޔަހޫދީ އަސްކަރިއްޔާއިން ހިންގި އުދުވާންތަކުގައި އެކަނިވެސް ފަލަސްޠީނުގެ 36 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.