ރާއްޖޭގައި ޢުމުރުން 25 އަހަރުން ދަށުގެ އާބާދީގެ ހަކުރު މަތިކަން ހާމަވެއްޖެއެވެ.
މިދިޔަ އަހަރުގެ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ދިމާކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިއަހަރުގެ ޖެނުވަރީގެ ނިޔަލަށް މިނިސްޓްރީ އޮފް ހެލްތާއި ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިވަޑައިގެން ވަނީ ހަކުރު ބަލި އޮތް މިންވަރު ދެނެގަތުމުގެ ޚާއްޞަ ސްކްރީނިންގ ޕްރޮގްރާމެއް ހިންގަވައިފައެވެ. މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން 16 އަހަރުންމަތީގެ 10700 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ޑައިބެޓީސް އެސޯސިއޭޝަނުން ބުނެއެވެ. މިސްކްރީނިންގ ޕްރޮގްރާމުން ދިވެހި އާބާދީގެ ޒުވާނުންގެ މެދުގައި ހަކުރުބަލީގެ މައްސަލަ ކަންބޮޑުވާ ދަރަޖައެއްގައި އޮތްކަން ވަނީ ހާމަވެފައެވެ.
މި ސްކްރީނިންގ ޕްރޮގްރާމްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޢުމުރުން 25 އަހަރުން ދަށުގެ އާބާދީގެ 5.6 އިންސައްތަ ޒުވާނުންގެ ހަކުރު ހުރީ މަތީގައެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ޑައިބެޓިސް އެސޯސިއޭޝަނުން ބުނެއެވެ.
އާއްމުކޮށް ހުޅުއްވާލައްވައިގެން ހިންގެވި މި ޕްރޮގްރާމްގައި ބައިވެރިވި 11.8 އިންސައްތަ މީހުންނަކީ ކުރިއްސުރެ ހަކުރުބަލި ހުންނަކަން އެނގޭ މީހުންނެވެ. އަދި ބައިވެރިވީ މީހުންގެ ތެރެއިން 10.2 އިންސައްތަ މީހުންނަށް އެމީހުންގެ ބަލިޙާލަތު ހުރިގޮތް ނޭނގޭކަމަށް ވަނީ ބުނެފައެވެ. ބަލީގެ ޙާލަތު ނޭނގޭ މީހުންގެތެރޭގައި ގިނައީ ފިރިހެނުން ކަމަށް މިޕްރޮގްރާމަށް އެއްކުރެވުނު މަޢުލޫމާތުން ވަނީ ހާމަވެފައެވެ.
ސްކްރީނިން ޕްރޮގްރާމްގައި ބައިވެރިވީ މީހުންގެ ތެރެއިން ހަކުރު ބަލި ހުރިކަން އެނގޭ މީހުންގެ ތެރެއިން 84.9 އިންސައްތަ މީހުން ބޭސް ބޭނުންކުރާއިރު، 7.4 އިންސައްތަ މީހުން ބޭނުންކުރަނީ އިންސިއުލިންގ އެވެ. އަދި ބަލި ހުރިކަން އެނގިތިބެ 15.1 އިންސައްތަ މީހުން އެއްވެސް ބޭހެއް ބޭނުމެއް ނުކުރެއެވެ. މިއީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ޑައިބެޓީސް އެސޯސިއޭޝަނުން ފާހަގަކުރެއެވެ.
ޑައިބިޓީސް އެސޯސިއޭޝަނުން ބުނާގޮތުގައި، ހަކުރުބަލީގެ މީހުން ބަލި ކޮންޓްރޯލްވެފައިވާ ކަމަށް ކަނޑައަޅާ އެއް މިންގަނޑަކީ ކައިގެން ހަކުރު ޓެސްޓްކުރާއިރު ހުންނަ މިންވަރު mg/dL 180 އަށް ވުރެން ދަށުގައި ހުރުމެވެ. މި މިންގަނޑުން ބަލާއިރު، ސްކްރީނިންގ ޕްރޮގްރާމްގައި ބައިވެރިވީ އަންހެނުންގެ ތެރެއިން 27.5 އިންސައްތަ މީހުން އަދި ފިރިހެނުންގެ ތެރެއިން 32.4 އިންސައްތަ މީހުންގެ ހަކުރު ކޮންޓްރޯލް ނުކުރެވި ހުރިކަމަށް އެ އެސޯސިއޭޝަނުން އަންދާޒާކުރެއެވެ.
ހަކުރު ބަލި ރާއްޖޭގައި އޮތް މިންވަރު ދެގެނަތުމަށް ހިންގެވި މިޕްރޮގްރާމްގައި ހަކުރު އެންމެ ބޮޑަށް ކޮންޓްރޯލް ނުވެ ހުރީ ޒުވާނުންކަން ވަނީ ހާމަވެފައެވެ. ހަކުރު ބައްޔަކީ ކޮންޓްރޯލް ނުކުރެވި ދިގު މުއްދަތަކަށް ހުރެއްޖެނަމަ އިތުރު މައްސަލަތަކެއް ދިމާވާ ބައްޔަކަށްވާތީ ޒުވާން ޢުމުރުގައި ހަކުރު ކޮންޓްރޯލް ކުރުމަށް ސަމާލުވުމަށް ޑައިބެޓީސް އެސޯސިއޭޝަނުން އިލްތިމާސްކުރެއެވެ.
އަދި މިކަމަށް ދޭންވާ ސަމާލުކަން ނުދެވޭނަމަ، ހަކުރުބަލީގެ ސަބަބުން ޒުވާންއިރު ކިޑްނީ ފެއިލްވުމާއި، ލޯ އަނދިރިވުމާއި، ހިތުގެ ބަލިތައް ފަދަ ބަލިތައް ޖެހުމަކީ ގާތް ކަމެއް ކަމަށް ޑައިބެޓީސް އެސޯސިއޭޝަނުން ފާހަގަކުރެއެވެ.