ޚަބަރު

އީރާނުން ކާމިޔާބުކަމާއެކު ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި


އީރާނުން ދުރު ރާސްތާގެ ބެލިސްޓިކް މިސައިލެއް ކާމިޔާބުކަމާ އެކު ޓެސްޓުކޮށްފިއެވެ. އީރާނުން ޓެސްޓުކޮށްފައި ވަނީ "ޚޯރާމްޝާރް" މަރުކާގެ 2,000 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބެލިސްޓިކް މިސައިލެކެވެ. އީރާނުން މިސައިލް ޓެސްޓެއް ހަދާފައި މި ވަނީ، އެ ޤައުމުގެ މިސައިލް ޕުރޮގުރާމާ ގުޅިގެން ޔަހޫދީ އިސްރާޢީލުން އެ ޤައުމަށް ވަރުގަދަ އިންޒާރުތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އައު މިސައިލަށް ދީފައިވާ ނަމަކީ "ޚެއިބަރެވެ." އެއީ، 1,500 ކިލޯގެ ބޮމެއް އުފުލުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު އަދި ވަރުގަދަ މިސައިލް ޕުރޮގުރާމެއް ހިންގަމުން ދަނީ އީރާނުގައެވެ. އެ ޤައުމުން އުފައްދާފައިވާ މިސައިލްތައް ބޭނުންކޮށްގެން ޔަހޫދީ އިސްރާޢީލުގެ އަމާޒުތަކުގެ އިތުރުން، މެދުއިރުމަތީގެ ޤައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދެވޭނެ ކަމުގައި އިރާނުން ބުނެއެވެ.

އީރާނުގެ މިސައިލް ޕުރޮގުރާމާ ގުޅިގެން އެމެރިކާއާއި ވިލާތުގެ ބާރުތަކުން ވަނީ އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް، މިސައިލް ޕުރޮގުރާމަކީ ދިފާޢީ ބޭނުމަށް ހިންގާ ޕުރޮގުރާމެއް ކަމަށް ބުނެ، އެ ޕުރޮގުރާމް ހުއްޓައިލަން އީރާނުން ދަނީ ދެކޮޅު ހަދަމުންނެވެ.

"އީރާނުގެ ދުޝްމަނުންނަށް ދޭން އޮތީ އެންމެ މެސެޖެއް. އީރާނުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރަން އަޅުގަނޑުމެން ފަހެއް ނުޖެހޭނެ ކަން. އަދި، ސަރަޙައްދީ ސުލްޙައާއި ހަމަޖެހުން ދަމަހައްޓަން މަސައްކަތް ކުރުމުގައި އީރާނުން ދެމިއޮންނާނެ ކަން،" އީރާނުގެ ދިފާޢީ ވަޒީރު މުޙައްމަދުރިޟާ އަޝްތިޢާނީ ވިދާޅުވިއެވެ.

މެދުއިރުމަތީގައި އޮތް އީރާނުގެ އެންމެ ބޮޑު ދުޝްމަނަކީ ޔަހޫދީ ދަޢުލަތް ކަމުގައިވާ އިސްރާޢީލް ކަމަށް އީރާނުން ދެކެއެވެ. އަދި، އިސްރާޢީލަކީ އީރާނުގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުން ގަބޫލުކުރެއެވެ. އިސްރާޢީލުން ކުރިމަތި ކުރަމުންދާ ނުރައްކާތަކުން ރައްކާތެރިވުމަށް އީރާނުގެ މިސައިލް ޕުރޮގުރާމް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމުގައި އީރާނުން ބުނެއެވެ.

އީރާނުގެ މިސައިލާއި ނިއުކްލިޔަރ ޕުރޮގުރާމާ ގުޅިގެން އެ ޤައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އަޅަން ޖެހިދާނެ ކަމަށް ބުނެ އިސްރާޢީލުން ދާދިފަހުން ވަނީ އެ ޤައުމަށް އިންޒާރެއް ދީފައެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމް ހުއްޓުވުމަށް 2015 ވަނަ އަހަރު އެކުލަވައިލި އެއްބަސްވުމަށް އަމަލުކުރުން ހުއްޓައިލާފައިވާއިރު، އެ އެއްބަސްވުން ތަންފީޒުކުރަން އަލުން ފެށުމަށް ހުޅަނގުން ދަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، އެ ކަމާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ މަޝްވަރާތައް 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ވަނީ ހުއްޓިފައެވެ. އީރާނާ އެކު ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރުން 2018 ވަނަ އަހަރު ހުއްޓައިލާފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.