ވިޔަފާރި

އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފެށުމުގެ ހުއްދަ އެސްޓީއޯއަށް ލިބިއްޖެ


ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސް.ޓީ.އޯއަށް އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފެށުމުގެ ހުއްދަ މިހާރު ލިބިފައިވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވީ، އެސް.ޓީ.އޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެސް.ޓީ.އޯއިން ދަނީ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތާއެކު ތެޔޮ ސްޓޯރޭޖެއް އިހަވަންދިޕޮޅުގައި ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ. އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވީ، ބަންކަރިން ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށެވެ. އެގޮތުން ބޭރުގެ ކޮންސަލްޓަންޓަކާއި ގުޅިގެން މި މަސައްކަތް މިހާރު ކުރަމުން އަންނަކަން ސައީދު ފާހަގަކުރެއްވިއެވެ.

"އިންޓަނޭޝަނަލް ބަންކަރިން ފެށުމުގެ މަސައްކަތް ދަނީ ކުރިއަށް. އެސް.ޓީ.އޯއާއި ސަރުކާރާއި އަދި ބޭރުގެ ކޮންސަލްޓަންޓަކާއި އެއްކޮށް އިންޓަނޭޝަނަލް ބަންކަރިންގެ ރެގިއުލޭޓަރީ މަސައްކަތް މިހާރު ނިމުމަކަށް އަންނަނީ. އިންޓަނޭޝަނަލް ބަންކަރިން ކުރުމުގެ ހުއްދަ މިހާރު އެސްޓީއޯއަށް ވަނީ ލިބިފައި. އެސް.ޓީ.އޯ ސިންގަޕޯރ އަދި އެމްއެންއޯސީ ރިވައިވްކޮށް އިންޓަނޭޝަނަލް ފިއުލް ކުރުމަށް ވަނީ ނިންމާފައި. މީގެތެރޭގައި ފިޒްކަލް ޓްރޭޑިން އަދި ޕޭޕަރ ޓްރޭޑިންވެސް ހިމެނިގެންދާނެ" ސައީދު ވިދާޅުވިއެވެ.

ބަންކަރިންގެ ޚިދުމަތާއެކު ރާއްޖެއިން ބޭރުގައި އެސް.ޓީ.އޯގެ ތެޔޮ ރައްކާކުރާ ސްޓޯރޭޖެއް ހެދުމަށް ވިސްނަމުން ގެންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އަދި މި ސްޓޯރޭޖް ހެދުމަށް މަސައްކަތް ކުރަމުންދަނީ ޔޫ.އޭ.އީގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކުރިންވެސް އެސްޓީއޯ ސިންގަޕޯރ އަދި އެމްއެންއޯސީ ގުޅިގެން އޮޕަރޭޝަން ފަށައިގަތުމަށްފަހު ތެލުގެ ވިޔަފާރި ފުޅާކުރުމަށް ވަނީ ނިންމާފައި. ފިއުލް ޓެރޭޑް ކުރުމަށް ރާއްޖެއިން ބޭރުގައިވެސް ވިސްނިފައިވޭ. މިގޮތުން މިހާރު ބަލަމުން މިއަންނަނީ ޔޫއޭއީގެ ރަށެއްގައި ސްޓޯރޭޖް ގާއިމްކުރުމަށް." ސައީދު ވިދާޅުވިއެވެ.

އެސް.ޓީ.އޯއިން މަސައްކަތް ކުރަމުންދަނީ އައު ވިޔަފާރިތަކަށް ވަދެ އެ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށެވެ. އެގޮތުން މިދިޔަ އަހަރަކީވެސް އެ ކުންފުންޏަށް ކާމިޔާބު އަހަރެކެވެ.

2022 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު 10.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %79 އިތުރު ޢަދަދެއް ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.