ވިޔަފާރި

ކޯޕަރޭޓް ގަވަނަންސް ދާއިރާ ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި


ކޯޕަރޭޓް ގަވަނަންސް ދާއިރާގައި ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮޓޯރިޓީ، ސީއެމްޑީއޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޕީސީބީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް އާސިމް މުޙައްމަދެވެ. އަދި ސީއެމްޑީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު ހުސައިން މަނިކުއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ސީއެމްޑީއޭގެ ސީއީއޯ މުޙައްމަދު ހުސައިން މަނިކު ވިދާޅުވީ، އާންމު ގޮތެއްގައި ސީއެމްޑީއޭއަކީ ޕަބްލިކް ލިސްޑެޓް ކުންފުނިތަކުގެ ގަވަނަންސް، ވަކި މިންގަނޑެއްގެ ތެރެއިން ބެލެހެއްޓުމަށް ކޯޑެއް އުފައްދައިގެން އެ މަސައްކަތް ކުރަމުންދާ އިދާރާއެއްކަމަށެވެ. ޕީސީބީގައިވެސް ޤާނޫނެއްގެ ދަށުން ބަލަހައްޓަންޖެހޭ ކުންފުނިތަކާއި ކޯޕަރޭޝަންތަކެއް ހުންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މި އެއްބަސްވުމާއިއެކު ކުރިއަށްއޮތް ތަނުގައި ޕަބްލިކް ލިސްޓެޑް ކުންފުނިތައް އަދި އެހެން ކުންފުނިތައްވެސް ގަވަނަންސް އުސޫލެއްގެ މަތިން ހިންގުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެކަމަށެވެ.

“ޕީސީބީއާއި ގުޅިގެން އަޅުގަނޑުމެން ގަވަނަންސް ކޯޑެއް ރޫލް ބޭސްޑް ގޮތަކަށް އަޅުގަނޑުމެން ގެންދެވޭތޯ ބަލަން މަޝްވަރާކުރުމަށްޓަކައި ވެވުނު އެއްބަސްވުމެއް މިއީ.” މުޙައްމަދު ހުސައިން މަނިކު ވިދާޅުވިއެވެ.

ސީއެމްޑީއޭގެ ސީއީއޯ މުޙައްމަދު ހުސައިން މަނިކު ވިދާޅުވީ، ގަވަނަންސް ވަރުގަދަކުރުމަށް ކޯޕަރޭޓް އިވެލުއޭޝަންގެ ތެރެއިން ތަފާތު ގިނަ ކޯޑުތަކެއް ހުރުމުގެ ސަބަބުން ކުންފުނިތަކަށްވެސް އުނދަގޫތަކެއް ހުރިކަން ފާހަގަވެފައިވާކަމަށެވެ. 2 މުއައްސަސާ ޤާނޫނީ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި އެއް މަސައްކަތްތަކެއްް އެބަހުރިކަމަށާއި އެކަންކަން އެއްގޮތްކުރެވިދާނެކަމަށް މަނިކު ވިދާޅުވިއެވެ.

”މިކަހަލަ ބައިވަރު ކަންތައްތަކެއް އަޅުގަނޑުމެން ބަލައި، ދެނެގަނެ، މުހިންމު މަސައްކަތެއް ކުރުމަށް ވެވޭ އެއްބަސްވުމެއް މިއީ. މީގަ ނަތީޖާއަކަށް ވާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި އެއްބަސްވުމުގެ ދަށުން 2 މުވައްސަސާ ގުޅިގެން ކޮމެޓީ ލެވެލްގައި ކުރެވޭ މަސައްކަތުގެ ތެރެއިން ނުކުންނާނެ ނަތީޖާއެއްކަމަށް އަޅުގަނޑުމެން މިބަލަނީ ގަވަނަންސް ކަންތައްތައް އިތުރަށް ވަރުގަދަވެ ހަރުދަނާވެ އެކިއެކި ލިސްޑެޓް ކުންފުނިތަކަށާއި އަދި ދެންހުރި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމަލުކުރުމަށް މި ގެންގުޅޭ ކޯޑުތަކުގައި ހުރި ބައިތައް ވަކިވެ މިހާރަށްވުރެ މީގަ ހުރި ކަންކަން ރަނގަޅުވެގެންދިއުން“ މުޙައްމަދު ހުސައިން މަނިކު ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބައެއް ފަހަރު ގަވަނަންސް ދާއިރާގައި އަމަލުކުރަންވީ އުސޫލު އޮޅޭ ގޮތް އެބަދިމާވާކަމަށާއި މި އެއްބަސްވުމާއިއެކު ކުންފުނިތަކަށްވެސް އެ ކުންފުނިތަކުން އަމަލުކުރަންވީ އުސޫލު ސާފުވުމަކީ އަމާޒެއްކަމަށް ސީއެމްޑީއޭއާއި ޕީބީސީން ބުނެއެވެ.