ވިޔަފާރި

ސްކޭމެއް މެދުވެރިވާ ހާލަތުގައި ކާޑު އަދި އިންޓަނެޓް ބޭކިންގ ހުއްޓުމަކަށް ގެންނަން ފަސޭހަގޮތެއް


ބޭންކް އޮފް މޯލްޑިވްސް އިން ކުއްލި ހާލަތްތަކުގައި އިންޓަރނެޓް ބޭންކިންގ އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް' ތައާރަފްކޮށްފިއެވެ.

މިއީ ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އެޅި ފިޔަވަޅެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.

'ކިލް ސްވިޗް' ބޭނުންކޮށްގެން ވަގުތުން އެކްޓިވްކޮށް ހުންނަ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ ސެޝަންތަކުން ލޮގްއައުޓްވެ، ސްކޭމެއް މެދުވެރިވާ ހާލަތްތަކުގައި އިތުރު މުއާމަލާތެއް ހިނގުމުގެ ކުރިން ކާޑުތައް ފްރީޒްކޮށްލެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. މި ފީޗަރ އަކީ އިންޓަރނެޓް ބޭންކިންގެ ލޮގިން ޕޭޖުގައި ކަސްޓަމަރަށް އަމިއްލައަށް ބޭނުންކުރެވޭ ގޮތަށް ހިމަނާފައިވާ ފަންކްޝަނެކެވެ. އަދި ކަސްޓަމަރުން ބޭންކަށް ގުޅައިގެން އެކްޓިވް ކުރުމުގެ ބަދަލުގައި ވަގުތުން އެކްޓިވާނެ ފަންކްޝަނެއްކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ މި ފީޗަރ އަކީ ސްކޭމް އާ ދެކޮޅަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ތައާރަފްކުރި ފީޗަރ އެއްކަމަށެވެ. ސްކޭމެއް ހިނގައިފިކަމަށް ކަސްޓަމަރަށް ފާހަގަވުމުން، ކަސްޓަމަރުންނަށް ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކާޑުތަކާއި އިންޓަރނެޓް ބޭންކިންގ ފްރީޒް ކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ކިލް ސްވިޗް ކުރުމަށްފަހު، ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ އަދި ކާޑުތައް އަލުން ރީއެކްޓިވޭޓް ކުރެވޭނީ ކަސްޓަމަރުން ކޮންޓެކްޓް ސެންޓަރ ގުޅައިގެން އަށް ނުވަތަ އެންމެ ކައިރި ބްރާންޗަކަށް ހާޟިރުވެގެންނެވެ. ބޭންކުން އެކްޓިވޭޓްކޮށްދޭނީ ހިންގޭ ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހުގައިަކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކިލް ސްވިޗް ބޭނުންކުރާނެ ގޮތް:

ބޭންކުގެ ވެބްސައިޓްއިން އިންޓަރނެޓް ބޭންކިންގ ލޮގިން ޕޭޖަށް ދިއުން.
'ކިލް ސްވިޗް' އަށް ފިތާލާ
އައިޑީ ކާޑު ނަންބަރު
ކޮންފަރމް ކުރުމަށް އޯޓީޕީ ޖެހުން

ކިލް ސްވިޗް އެނޭބަލް ވުމުން، ސްކްރީންއަށް އަދި އެސްއެމްއެސް މެދުވެރިކޮށް ކޮންފަމޭޝަން ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.